27 މާޗް 2019 - 15:57

ނިއު ދިއްލީ (މާޗް 27) - އިންޑިއާ އަކީ މިހާރު ޖައްވީ ސުޕަ ޕަވަރެއް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު އިއުލާން ކުރައްވައިފި އެވެ.
ކުއްލި ގޮތަކަށް ގައުމާ މުޚާތަބް ކުރައްވާ މޯދީ ވިދާޅުވީ މިސައިލް ޓެސްޓަކުން ލޯ-އޯބިޓް ސެޓެލައިޓެއް ވައްޓާލުމުން އިންޑިއާ އަކީ މިހާރު އެންމެ އެޑްވާންސް ޖައްވީ ސުޕަޕަވަރެއް ކަމަށެވެ. އަންނަ މަހު އާއްމު އިންތިޚާބު ބާއްވަން ތައްޔާރުވެފައި ވަނިކޮށް މޯދީ ވިދާޅުވީ އިންޑިއާ މިހާރު ވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާ ހިމެނޭ ގްރޫޕަށް ވަދެފައި ކަމަށެވެ.
އިންޑިއާގެ އިރު މަތީގެ އޮޑިޝާގެ މިސައިލް ޓެސްޓް ކުރާ ސައިޓަކުން ފޮނުވާލި މިސައިލަކުން މިއަދު ވަނީ ސެޓެލައިޓެއް ވައްޓާލައިފަ އެވެ.
"މިއީ އިންޑިއާ އަށް ފަޚުރުވެރި ވަގުތެއް،" ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބް ކުރައްވާ ދެއްވި ބަޔާނުގައި މޯދީ ވިދާޅުވި އެވެ. "އިންޑިއާ މިހާރު ވަނީ ޖައްވީ ސުޕަޕަވަރުންގެ ލިސްޓުން ޖާގަ ހޯދާފައި. މިހާތަނަށް މިކަން ހާސިލް ކުރެވިފައި ވަނީ އެންމެ ތިން ގައުމަކަށް."
މޯދީ ވިދާޅުވީ ސެޓެލައިޓެއް ވައްޓާލަން ކުރި މިސައިލް ޓެސްޓް ދިޔައީ ވަރަށް އަމާންކޮށް ކަމަށާއި އެއީ "ހަނގުރާމައިގެ މާހައުލެއް" އުފައްދަން ކުރި ކަމެއް ނޫން ކަމަށެވެ.
"އިންޑިއާ އިން މި ގާބިލްކަން މި ހޯދީ އެއްވެސް ބަޔަކާ ދެކޮޅަކަށް ނޫން. މިއީ ހަލުވި ކަމާ އެކު ކުރިއަރަމުން އަންނަ އިންޑިއާގެ ދިފާއުގައި ކުރި ކަމެއް،" މޯދީ ވިދާޅުވި އެވެ.
އެންޓި-ސެޓެލައިޓް މިސައިލް އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އިން ކޮށްފައި ވަނީ 1985 ވަނަ އަހަރު އެވެ. ޗައިނާ އިން އެ ޓެސްޓް ކުރީ 2007 ވަނަ އަހަރު އެވެ.
މޯދީ ވިދާޅުވީ އިންޑިއާގެ މިސައިލް ޓެސްޓަކީ ބައިނަލްއަގުވާމީ އެއްވެސް މުއާހަދާއަކާ ޚިލާފަށް ކުރި ކަމެއް ނޫން ކަމަށެވެ.
އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލާން ފަށާނީ އެޕްރީލް 11 ވަނަ ދުވަހު އެވެ. ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އިންތިޚާބުގައި 900 މިލިއަން މީހުން ވޯޓު ދޭނެ އެވެ.