ކުރީގެ ހަނދާންތައް އާވެ، ޔަންކޭ އަށް ބޮޑު އުފަލެއް!
ކުރީގެ ހަނދާންތައް އާވެ، ޔަންކޭ އަށް ބޮޑު އުފަލެއް!

ކުރީގެ ޓީމާ އެކު އަލުން މެޗަކަށް ނުކުތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ދިވެހި ފުޓްބޯޅައާ އޮންނަ ގާތްކަން އަބަދުވެސް ބަހައްޓާނެ ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ބުނެފި އެވެ.

ކުރީގެ ހަނދާންތައް އާވެ، ޔަންކޭ އަށް ބޮޑު އުފަލެއް!
ކުރީގެ ހަނދާންތައް އާވެ، ޔަންކޭ އަށް ބޮޑު އުފަލެއް!

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު އަތުން ރޭ މިހާރުގެ ގައުމީ ޓީމު 1-0 އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޔަންކޭ ބުނީ ރޭގެ މެޗަކީ ނަތީޖާ އަށް ވުރެން ބޮޑަށް ދިވެހި ފުޓްބޯޅަ އާއިލާ އަށް މުހިއްމު މެޗެއް ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް ނަތީޖާ އަށް ބަލާނެ މެޗެއް ނޫން. މިއީ ފުޓްބޯޅައިގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ފާހަގަކޮށް ދިވެހި ފުޓްބޯޅަ އާއިލާ އަށް އުފާވެރިކަން އަލުން ގެނެސްދިނުމުގެ މެޗެއް. ހަގީގަތުގައި މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި މެޗާ އެކު ކުރީގެ ކާމިޔާބީ ހަނދާންވެ ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. އަށް އަހަރު ވަރަށް އަވަހަށް މިދިޔައީ. ދިވެހި ފުޓްބޯޅައާ އަހަންނާ އޮންނަ ގުޅުން އަބަދުވެސް އޮންނާނެ،" ޔަންކޭ ބުންޏެވެ.

ކާމިޔާބީ އަކީ ވަރަށް ދުރާލާ ތައްޔާރުވެގެން ހާސިލްކުރެވޭނެ ކަމެއް ކަމަށް ޔަންކޭ ބުންޏެވެ.

"ކޮންމެ ފަހަރަކު ގޯލްޑް (ތަށި) ހޯދުމަކީ ވާނެ ކަމެއް ނޫން. 2008ގެ ކާމިޔާބީ އަދިވެސް ތަކުރާރު ކުރެވިދާނެ. އެކަމަށް ބޭނުންވަނީ ޕްލޭނެއް. މި މެޗުން ވެސް ދިވެހި ފުޓްބޯޅައިގައި ހުނަރު އޮތް މިންވަރު ފެނިއްޖެ،" ޔަންކޭ ބުންޏެވެ.

ޔަންކޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކޯޗުކޮށްދިނީ 2001-2003 އަށެވެ. އެގޮތުން 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ރާއްޖެ އަށް ތިން ވަނަ ހޯދައިދިނެވެ. އެ ފަހަރު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ގަދަގަދަ ޗައިނާ އަތުން ބަލިވީ 1-0 އިންނެވެެ.

އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ އަށް ހޯދައިދިނެވެ. ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ތޯރިގް އަށް އެ ފަހަރު ޖާގަ ދިން އިރު ފައިނަލުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން ބަންގްލްދޭޝް އަތުންނެވެ. އެ މުބާރާތަށް ފަހު މަގާމުން ވަކިވުމަށް ފަހު ޔަންކޭޒް އެނބުރި އައީ 2007 ގަ އެވެ. އަދި ޖެހިގެން އައި އަހަރު މާލެ އާއި ކޮލަމްބޯގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނެވެ. އެ މުބާރާތަށް ފަހު އޭނާ މަގާމުން އިސްތިއުފާ ދިން އިރު، ފަހުން އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އުމުރުން 78 އަހަރުގެ ޔަންކޭޒް އަންނަނީ 1966 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބާއި ސްލޮވާކިއާގެ ޑުބްނިސާ އަދި ސްލޮވަން ބްރަޓިސްލާވާ އަށް ކޯޗުކޮށްދީފަ އެވެ.