28 މާޗް 2019 - 07:23

ދޭތެރެދުރުކުރުމަށް ފިރިހެނުންނަށް ހާއްސަކޮށްގެން އުފެއްދި އާ ބޭހެއް، ޓެސްޓްތަކުގެ ފުރަތަމަ މަރުހަލާގައި ކާމިޔާބު ކަމަށް ދައްކައިފި އެވެ.
ގުޅަ ބޭހެއްގެ ގޮތުގައި ބޭނުންކުރާ، 11-ބީޓާ-އެމްއެންޓީޑީސީ އިންސާނުން ބޭނުންކޮށްގެން ވަނީ ތަހުލީލުކޮށްފަ އެވެ. ލޮސް އެންޖެލިސް ބަޔޯމެޑިކަލް ރީސާޗް އިންސްޓިޓިއުޓާއި ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ތަޖުރިބާކާރުން ގުޅިގެން ކުރި ދިރާސާ އަށް ފަހު ބުނީ މި ބޭހުން އުންމީދީ ނަތީޖާއެއް ލިބިފައިވާ ކަމަށެވެ.
ދޭތެރެދުރުކުރުމަށް ފިރިހެނުންނަށް މީގެ އުފެއްދި ބޭސްތަކުން ފިރިހެނުންނަށް ޖިންސީ ގޮތުން ބަލިކަށިވާ އަދި ޖިންސީ ޝައުގުވެރިކަން ކުޑަވާ މައްސަލަ ދިމާވެފައި އެބަހުއްޓެވެ. ނަމަވެސް އަލަށް ޓެސްޓްކުރި ބޭހުން މި މައްސަލަ ދިމާނުވެ، އަންހެނަކު ދަރިމައި ނުވާ ވަރަށް ފިރިހެން މީހާގެ ދަރިފަނީގެ ހޯމޯން މަދުކޮށްލެވެ އެވެ.
"މި ބޭހުން ޖިންސީ ކުޅެދުންތެރިކަމަށް އެއްވެސް އަސަރެއް ނުކޮށް، ހޯމޯންތަކުގެ ދެ މަސައްކަތެއް މަދުކޮށްލައި ދަރިފަނި މަދުކޮށްދޭކަން ޓެސްޓުގެ ނަތީޖާއިން ދައްކާ،" އެލްއޭ ބަޔޯމެޑްގެ ރިޕޯޓްގައި ޑރ. ކްރިސްޓީނާ ވަންގް ވިދާޅުވި އެވެ.
ޓެސްޓްތަކުން މިގޮތަށް ދެއްކި ކަމުގައި ވިޔަސް މިއީ ބޭހެއް އާންމުކޮށް ބޭނުންކުރަން ބަލާއިރު، އަދި ވަރަށް ކުރީކޮޅެވެ. މި ބޭހަށް ހުއްދަ ހޯދަން އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވެސް ހުށައެއްނާޅަ އެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ބޭސް އާންމުކޮށް ލިބޭނީ އަދި ދިހަ ވަރަކަށް އަހަރު ފަހުންނެވެ.
އާ ބޭސް ޓެސްޓްކުރުމުގައި ސިއްހަތު ރަނގަޅު 40 ފިރިހެނަކު ބޭނުންކުރި އެވެ. އޭގެ ތެރެއިން 14 މީހަކަށް 11-ބީޓާ-އެމްއެންޓީޑީސީގެ 200 މިލިގްރާމްގެ ބޭސް ކޮންމެ ދުވަހަކު ދިނެވެ. އަދި ދެން ތިބި މީހުންނަށް ދުވާލަކު މީގެ 400 މިލިގްރާމް ދިނެވެ. މި ބޭސް 28 ދުވަސް ވަންދެން ކޮންމެ ދުވަހަކު ގުޅައެއް ކާންދެ އެވެ.
ބޭސް ބޭނުންކުރި މީހުންގެ ތެރެއިން 4-6 މީހުންނަށް، ވަރުބަލިވުމާއި މޫނުގައި ބިހި ނެގުމާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވި އެވެ. މިއީ ދޭތެރެދުރުކުރާ ބޭސް ކައި ބައެއް އަންހެނުންނަށް ވެސް ދިމާވާ ކަންކަމެވެ.
މީގެ އިތުރުން ފަސް މީހަކު ވަނީ ޖިިންސީ ގޮތުން ބައެއް އުނދަގޫތައް ކުރިމަތިވި ކަމަށް ބުނެފަ އެވެ. އެކަމަކު ޖިންސީ ޝައުގުވެރިކަން އެއްވެސް ވަރަކަށް ކުޑައެއް ނުވެ އެވެ.
ދިރާސާގެ މުއްދަތުގައި، ސައިޑް އިފެކްޓްތައް ކުރިމަތިވި ނަމަވެސް އެއްވެސް މީހަކު ބޭސް ކެއުން ހުއްޓައެއް ނުލަ އެވެ. ދިރާސާއިން އެނގުނު ގޮތުގައި ބޭސް ކެއުން ހުއްޓާލުމާ އެކު، ދަރިން ލިބޭ ހާލަތަށް ބަދަލުވެ އެވެ.