30 މާޗް 2019 - 07:49

ކިޔެވި ދުވަސްވަރު އިސްތަށިގަނޑު ހުންނަ ގޮތުން ސްކޫލްގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދަން ބުލީއާ ކުރިމަތިލާން ޖެހުނު ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނެފި އެވެ.
ޑީޖޭ ނިހާލް އާއި ރެޕާ ޑޭވްއާ އެކު ދިން އިންޓަވިއުއެއްގައި 28 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ޕްރައިމަރީގައި ކިޔެވި ދުވަސްވަރަކީ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތައް ކަމަށެވެ.
"އަހަރެން ވަރަށް ފޫހިވޭ އޭރު ސްކޫލަށް ދާން. އަހަރެންގެ އިސްތަށިގަނޑު ހުންނަ ގޮތުން ކުދިން މަލާމަތް ކުރާތީ ވަރަށް ގިނައިން ރޮއި ވެސް ހަދަން،" ޝޭޕް އޮފް ޔޫ އާއި ޕާފެކްޓް އަދި ތިންކައިން އައުޓް ލައުޑް ފަދަ މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ޝީރަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހުންނަ ސިފަ ކަމުނުދާތީ އަންހެން ކުދިން ވެސް އޭރު މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.
"އަހަރެން އަމިއްލަ އަށް ވެސް ގަބޫލުކުރަން އަހަރެން ހުންނަނީ ތަންކޮޅެއް އެހެން ކަހަލަ ސިފައެއްގައިކަން،" ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޗެރީ ސީބޯންއާ ގުޅިގެން އުޅޭ ޝީރަން ބުންޏެވެ. "ކިޔެވި ދުވަސްވަރަކީ ހަގީގަތުގައި އަހަރެން ވަރަށް ބޮޑަށް އެކަހެރިވެ، ބާކީވެ އެކަނިވެރިވެފައި ހުރި ދުވަސްތަކެއް. އެހެންވެ އޭރު ވެސް އުދާސްތައް ބޭރުކޮށްލަނީ މިއުޒިކުން. ގިޓާ ނަގައިގެން ކުޅެލީމަ އަހަންނަށް ހިތްހަޖެހުން ލިބޭ."
އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޒުވާން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝީރަން ބުނި ގޮތުގައި މިހާރު ވެސް ބައެއް މީހުން އޭނާ ހުންނަ ސިފައަށް ޖޯކް ޖަހައި ހަދަ އެވެ. އެކަމަކު އެކަހަލަ ކަންކަމާ ދޭތެރޭ އެހާ ސީރިއަސްކޮށް މިހާރު ނުވިސްނާ ކަމަށް ބުންޏެވެ.
"ބްރިޖެޓް ޖޯންސް ބޭބީ" ފަދަ ފިލްމުތަކުގައި ރޯލްތަކެއް ވެސް ކުޅެފައިވާ ލަވަކިޔުންތެރިޔާ މި އަހަރު ޑެނީ ބޮޔެލް ގެނެސްދޭ މިއުޒިކަލް ކޮމެޑީ "ޔަސްޓަޑޭ" އިން ފެނިގެން ދާނެ އެވެ.