27 މާޗް 2019 - 15:25

ސައޮ ޕައޮލޯ، ބްރެޒިލް (މާޗް 27) - ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް ނޮވެމްބަރު 2016 ގައި މަތިންދާބޯޓް ވެއްޓި ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މަރުވި ހާދިސާގައި ސަލާމަތްވި ހަ މީހުންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ނޫސްވެރިޔާ ރަފޭލް ހެންޒެލް ފުޓްބޯޅަ ކުޅެން ހުއްޓާ މަރުވެއްޖެ އެވެ.
ހެންޒެލް، 45، އިއްޔެ މަރުވީ ފުޓްބޯޅަ މެޗެއްގެ ތެރެއިންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި މަރުވި ސަބަބެއް ކަމަށް ޑޮކްޓަރުން ބުނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ހަ މީހަކު ސަލާމަތްވިއިރު ހެންޒެލްގެ އިތުރުން ދެން ހިމެނެނީ ތިން ކުޅުންތެރިންނެވެ.
އެ ފަހަރު ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ގިނަ ތަޖުރިބާކާރުން ލަފާކޮށްފައިވަނީ ތެޔޮ ހުސްވެގެންނެވެ. ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވުމަށް ފަހު ހެންޒެލް މަސައްކަތްކުރަމުން އަންނަނީ ރޭޑިއޯއެއްގައި ކޮމެންޓޭޓަރެއްގެ މަގާމުގަ އެވެ. އަދި ބްރެޒިލާއި ހާއްސަކޮށް ޝަޕޮކޮއެންސާ ބެހޭގޮތުން އޭނާ ދިޔައީ އަމިއްލަ ބްލޮގްގައި ލިޔަމުންނެވެ.
ހެންޒެލް ހާދިސާ އިން ސަލާމަތްވުމަށް ފަހު މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޯޓު ވެއްޓުމުގެ ކުރިން ކެޕްޓަން އަދި ކްރޫން ވެސް އެއްވެސް އިންޒާރެއް ނުދޭ ކަމަށެވެ. އެ ހާދިސާގެ ހެންޒެލްގެ އަރިކަށިން ވަނީ ހަތް ގަނޑު ކަށި ބިނދިފަ އެވެ. އަލުން އެނބުރި ފުރިހަމަ ސިއްހީ ހާލަތަށް އަންނަން ގިނަ ދުވަސްތަކެއް ނެގި ކަމަށް އޭނާ ބުންޏެވެ.
ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ޝަޕޮކޮއެންސްގެ ކުޅުންތެރިން މަރުވުމުން ނެސިއަނަލް އިން ވަނީ އެ މެޗު ނުކުޅެ ޝަޕޮކޮއެންސަށް ތަށި ހަވާލުކުރަން އެދިފަ އެވެ. ނޭސިއަނަލްގެ މި ނިންމުމަށް ގިނަ ބައެއްގެ ތައުރީފު އޮހުނުއިރު، ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެގޮތަށް އެކަންކޮށް ޝަޕޮކޮއެންސަށް ޓްރޮފީގެ އިތުރުން އިނާމް ފައިސާ އާއި އެ ނޫން ވެސް އެހީތައް ފޯރުކޮށްދީފަ އެވެ.