ޖޯން އަބްރަހަމް ސައިކަލް ރޭސް ޖަހާ މީހެއްގެ ރޯލަށް ތައްޔާރު
ޖޯން އަބްރަހަމް ސައިކަލް ރޭސް ޖަހާ މީހެއްގެ ރޯލަށް ތައްޔާރު

ދެހާސް ހަތަރެއްގެ ފިލްމު "ދޫމް" ގައި ޖޯން އަބްރަހަމް ކުޅުނު ނެގަޓިވް ރޯލުން އޭނާ ވަރަށް ސްޓައިލިޝް ސައިކަލް ދުއްވާތީ ފެނެ އެވެ. މި ފަހަރު މިއޮތީ ސައިކަލް ރޭހަށް ހާއްސަ ފިލްމަކަށް ޖޯން ސޮއިކޮށްފަ އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ 2009 ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރު އެކީގައި ފެނުނު ފިލްމު "ކުރްބާން" ގެނެސް ދިން ރެންޒިލް ޑި ސިލްވާ ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2014 ގައި ކަންގަނާ ރަނާވަތާއި ސަންޖޭ ދަތާއި އިމްރާން ހާޝިމީ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ "އުނގުލީ" އެވެ.

މި ފިލްމުގެ ވާހަކަ ޓްވިޓާގައި ހިއްސާ ކުރަމުން ޖޯން ބުނީ މިއީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށާއި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށެވެ.

ޖޯންއާ އެކު ރެންޒިލް ހަދާ ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. އެކަމަކު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީގެ ޕްރޮއުސަރަކީ މި އަހަރު ރިލީޒް ކުރާ ޖޯންގެ ފުރަތަމަ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޕްރޮޑިއުސަރު އަޖޭ ކަޕޫރެވެ.

މިއީ އޭނާ ޕްރޮޑިއުސްކޮށް، ޖޯން ކުޅޭ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ.

ޖޯން ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެންްދާ "ރޯ" އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ އިރު، އޭނާގެ އިތުރު ދެ ފިލްމެއް ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ އޮގަސްޓް 15 ގައި ރިލީޒް ކުރާ އެކްޝަން ތުރިލާ "ބަތުލާ ހައުސް" އާއި ނޮވެމްބަރު 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ.