އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

".. ދެން އައި ސެޑް މަންމަ ގާތުގަ، ތީ މަގޭ ފްރެންޑެކޭ،" އަޒްރާ ހުއްޓައިނުލައި ވާހަކަދެއްކިއެވެ. "އަހަރުމެން މެރީ ކުރާކަށް އަދި ޑިސައިޑެއް ނުކުރަމެއްނު ދޯ؟"

އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. އަހަރެންގެ ބަސްކޮށާރު ފަޅުވެފައިވާ ކަހަލައެވެ. އަހަރެން ބެލީ އަޒްރާއަށް ނޫންކަން އޭނައަށް އެނގުނެވެ. އަޒްރާ ފަހަތް ބަލައިލިއެވެ. އެ އަށް ވުރެ ކުޑަ ތަންކޮޅެއް ކުރިން އެ މީހަކު ގެއްލުނެވެ.

"ކޯޗަކަށް ތި ބަލަނީ؟" އަޒްރާ ސުވާލުކުރިއެވެ.

"..." ފުރަތަމަ އަހަރެންގެ އަޑެއް ނުނިކުތެވެ. ކަރުކެހިލީމެވެ. "ތި ވާހަކަތަކަށް ވިސްނާލީ. ކީކޭ އަޒްރާ ބުނީ؟"

އަހަންނަށް ކުރެވުނު ސުވާލު ކިހާ ހަމަނުޖެހޭކަން ފަހުން ވިސްނުނެވެ. އަޒްރާ ބުނި އެއްޗަކަށް ވިސްނިއިރު އަޒްރާ ބުނީ ކީކޭކަން އަހަންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ގޮސް އެ ދޮރުން ތިރިއަށް ބަލައިލީމެވެ. އެއީ މަގުމައްޗެވެ. ދޮރާ ހަމައަށް މީހަކަށް އެރޭނެ އެއްވެސް ގޮތެއް ނެތެވެ.

"ކޯޗެއް ތި ބަލަނީ؟" އަޒްރާ އެހި އަޑު އިވުނެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ހިތަށްއެރިއެވެ. ކޮންމެ ގެއެއްގައި ވެސް އެ ކަހަލަ މަޚްލޫޤުން އުޅެނީ ހެއްޔެވެ؟ ނުވަތަ އަހަރެން ވަންނަ ކޮންމެ ގެއަކަށް، އަހަރެންގެ ފަހަތުން ބަޔަކު އަންނަނީ ހެއްޔެވެ؟ އެހެންކަމަށް ވާ ނަމަ، އަޒްރާއަށް ގޯނާ ކޮށްފާނެ ހެއްޔެވެ؟ އަހަރެން އެހާ ލޯބިވާ ކުއްޖެއްގެ ގައިގައި ކޫރުމެއް އެޅޭކަށް ވެސް އަހަރެން ނޭދެމެވެ.

"އަޒްރާއަށް ކުރުސި އެނގޭތަ؟" އަހަރެން އެހީމެވެ.

"މިހާރު ހަނދާނެއް ނެތް،" އަޒްރާ އެހެން ބުނާކަށް ޖެހިލުމެއް ނުވިއެވެ. "ކީއްވެ ތިހެން ތި އެހީ؟"

ކޮންމެ ސުވާލަކަށް ޖަވާބެއް ނުދެވޭނެއެވެ. އަޒްރާ ބިރުގަންނަވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދެން ހިތަށްއެރިއެވެ. އެއް ފަހަރު ގެއިން އެއްޗެއް ފެނުނީމަ އޭގެ މާނައަކީ ކޮންމެ ރެއަކު ވެސް ފެންނާނެއެކޭ ނޫނެވެ. އަހަރެންގެ ޝައްކުބަލި މާ ބޮޑީއެވެ. އަޅައެއް ނުލާނަމެވެ. އެއީ އަހަންނަށް ނިންމުނު ކިހާ މޮޔަ ނިންމުމެއް ހެއްޔެވެ؟

ދިރިއުޅުމުގައި އަހަރެން ހޯދަމުންދިޔަ ކާމިޔާބުތައް މަޑުޖެހެން ފެށިއެވެ. އޮފީހަށް ދާން ފޫހިވެ، އެނދުހުރަސް ބަލިޖެހިއްޖެއެވެ. އަހަރެން އެ ގޮތް ގަބޫލެއް ނުކުރަމެވެ. އެއްވެސް ކަމެއް ނުކޮށް އެނދުގައި އޮށޯވެގެން އޮތުމަށް ހިތް އަމުރުކުރި ނަމަވެސް، އަޅުކަމުގެ ބައްތި ކަނިވިޔަކަ ނުދެމެވެ. އެނދުގައި އޮށޯންނަނީ، ކުރަންޖެހޭ ނަމާދު ކޮށްފައެވެ. އެ ގޮތަށް އޮށޯވެލައިގެން އޮތް ރެއެކެވެ. ގަޑިން ރޭގަނޑު ނުވަގަޑިބައެވެ.

"ހިނގާ އަޒްރާއަށް ގޮވާލަން ދާން!" އަހަރެންގެ ކަންފަތްދޮށުގައި މީހަކު ބުނި ކަހަލައެވެ.

އަހަރެން ތެދުވެ ތައްޔާރުވީމެވެ. އަޒްރާއަކަށް ނުގުޅަމެވެ. އެ ގެއަށް ދިޔައިރު އަޒްރާ ފެންނާކަށް ނެތެވެ. ގޭގެ އެހެން މީހަކު ވެސް ފެންނާކަށް ނެތެވެ. އަހަރެން ދިޔަގޮތަށް ގޮސް އަޒްރާގެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. އެހެން ފަހަރުފަހަރު ޓަކިޖަހަމެވެ. އެ ފަހަރު ޓަކިޖަހަން ހިތަށް ނުވެސް އެރީއެވެ. އަޒްރާ ހުރީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. ގަޔަކު ފޭރާމެއް ނެތެވެ. އޭނަ ހުރީ މުޅި ގައިގައި ރަޖާގަނޑު އޮޅާލައިގެންނެވެ. މޫނުމަތީގައި ހުރީ ހާސްކަމެވެ. ބޮލުގައި ރިއްސާއިރު ކުރާ ކަހަލަ ހަރަކާތްތަކެއް އޭނަ ކުރިއެވެ. އަހަރެން ފެނުމުން ވެސް އަހަންނަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

"ހައި ލޯބީ!" އަޒްރާ ބުންޏެވެ. "ކިހިނެއްތަވީ؟"

"މަށެއްނު ތިހެން އަހަންވީ." އަހަރެން ބުނީމެވެ.

"ނިދި ހަނދާނެއް ނުވޭ،" އަޒްރާ ކިޔައިދޭން ފެށިއެވެ. "ދެންމެ ހޭލެވުނީ. ކޮބައިތަ މަ ލައިގެން ހުރި ހެދުން؟ ބަނޑަށް ހާދަ އެބަ ތަދުވެއޭ."

ވެގެންއުޅޭ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެހެންނަމަވެސް، އަޒްރާގެ ހެދުން ހޯދަން އަހަރެން މަސައްކަތް ކުރީމެވެ. ހެދުން ފެނުނީ އެނދު ތަންދޮށުންނެވެ. އަޒްރާގެ އެނދުގެ ފައިލާކޮޅާއި ފާރާ ދޭތެރޭގައި ކޮންޕިއުޓަރު މޭޒެއް ހުރެއެވެ. ކޮންޕިއުޓަރާ ކުޅެން އަޒްރާ އިންނަނީ އެނދުގައި އިށީނދެގެންނެވެ. އެ މޭޒާއި އެނދާ ދެމެދު މީހަކު ހުންނަހާ ޖާގައެއް ނުހުރެއެވެ. އަޒްރާގެ ހެދުން އޮތީ އެ މޭޒު ތަންދޮށުގައެވެ. ޓީޝާޓާއި ޖިންސު ހުރީ، ކޮޅަށް ހުރެ އަންނައުނު ބޭލުމުން ހުންނާނެ ގޮތަށެވެ. އެއް އަންނައުނު މަތީގައި އަނެއް އަންނައުނެވެ. އެ ހަނި ޖާގައިގައި އަޒްރާގެ އަންނައުނު ހުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. އަޒްރާ ހަނދާން ހުރީ ކޮޓަރިއަށް ވަންކަމެވެ. ދެން ހޭލެވުނު ކަމެވެ. އަހަންނަށް ކަމެއް ފޮރުވަން އަޒްރާ ދޮގެއްހަދައިފާނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ.

އަޒްރާގެ ކޮޓަރީގައި ޤުރުއާން ޖަހަން ފެށީމެވެ. ކުރުސި އާއި ބައެއް ސޫރަތްތައް ފާރުގައި ހިއްޕައި ވެސް ހެދީމެވެ. އޭގެ ފަހަކުން އެ ގެއަކުން އެއްޗެއް ނުފެނެއެވެ. އެކަމަކު، ވަކިއަޅުވައިފައި ހުންނަ ނިޝާންތަކެއް އަހަރެންގެ ބުރިކަށިން ފާޅުވާން ފެށިއެވެ. އޭގެ މާނަ ނޭނގިގެން އުޅެނިކޮށް އަޒްރާގެ ސިއްރު ފަޅާއެރިއެވެ. އަޒްރާ އުޅުނީ އެއް ފަހަރާ ތިން ފިރިހެނުންނާ ރައްޓެހިވެގެންނެވެ. އެ ކަހަލަ އަންހެނުންނާ ޖިންނިޝައިތާނުން ވަރަށް ގައިގޯޅިއެވެ. ހުރިހާ ވޭނެއް އުފުލަންޖެހެނީ އެ ފަދަ އަންހެނުންގެ ލޯބިވެރިންނެވެ. ނުވަތަ ފިރިންނެވެ. ދުޢާ ކިޔައިގެން މެނުވީ، ދެމަފިރިން ރޭނުކުރަން އަންގަވާފައި އޮންނަނީ މުހިންމު ސަބަބަކަށްޓަކައެވެ. ޖިންނިޝައިތާނުންނަކީ، ދަނޑިވަޅަކަށް ބަލަބަލާ ތިބޭ ބައެކެވެ. ވީއިރު ޒިނޭކުރާ އަންހެނަކާ ޝައިތާނާ ކިހާ ގާތްވާނެ ހެއްޔެވެ؟

އަޒްރާއާ ރުޅިވިތާ ދުވަސްކޮޅެއް ފަހެވެ. އަހަރެން ކުއްލިއަކަށް ބަލިވިއެވެ. ހުންއައިސް ހޮޑުލެވެން ފެށިއެވެ. ހޮޑަށް ލޭ ވެސް ލެވެން ފެށިއެވެ. މާލެއިން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އިންޑިޔާއަށް ދިޔައީމެވެ. އޭރު އެއްޗެއް ނުކެވެއެވެ. ގޮހޮރަކު އެއްޗެއް ހަރެއްނުލައެވެ. ވަރަށް ބޮޑަށް ހިކުނެވެ. އިންޑިޔާއިން ވަރަށް ބައިވަރު ޓެސްޓުތައް ހެދިއެވެ. އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުވިއެވެ. އެކަމަކު، އިންޑިޔާގައި އަހަރެން ހުއްޓައި އަމިއްލައަށް އެ ކަން ރަނގަޅުވިއެވެ. މިހާރު އަހަންނަށް އެނގޭ ގޮތުގައި، އެއީ ސިހުރު ހަދައިފައި ހުންނަ ގޮތަކުން ވާ ގޮތެކެވެ. ބިމަށް ސިހުރު ހަދައިފައި ހުރެއްޖެއްޔާ އެ ބިމުގައި ހުރިހާ ހިނދަކު އޭގެ ބާރު ހުންނާނެއެވެ. އެކަމަކު ތަނަކަށް ދަތުރު ދިޔަސް ނުވަތަ ދުވަސްކޮޅަކަށް ޤައުމުން ބޭރަށް ދިޔަސް، އެ ވަގުތަށް ސިހުރުގެ ބާރު ކެނޑޭނެއެވެ. ހަމަ އެހެންމެ، އެހެން ތާކަށް ދިރިއުޅެން ހިނގައްޖެއްޔާ، ކުރިން ތިބި ބިމުގައި ތިބި ޝައިތާނުންތައް ވެސް ދިރިއުޅެން އެ ބިމަކަށް އަންނާނެއެވެ. ކުރިން އެ ކަމެއް ނޭނގެއެވެ.

ކުރާނެ ފަރުވާއެއް ނެތުމުން އެނބުރި މާލެ އައީމެވެ. އައިތަނާ ފައިގެ ކަށިމަތީގައި ފޮޅުތަކެއް ނަގަން ފެށިއެވެ. ފުރަތަމަ ނެގީ ބިހިތަކެކެވެ. ހީވަނީ ފާނަބަސަންދުހެންނެވެ. އެކަމަކު އެއެއް ނޫނެވެ. ދެން އެ ބިހިތައް ވަނީ ފޮޅުތަކަކަށެވެ. ކޮންމެ ފޮޅެއްގެ ބޮޑުމިން، އަތުގެ އިނގިއްޔެއްގެ ކޮޅާ އެއްވަރެވެ. ދެން ފަޅައިގެންދެއެވެ. ގޮސްފައި ހުންނަނީ ފާރުގަނޑެކެވެ. އެ ފާރުގަނޑު ފަސޭހައެއް ނުވެއެވެ. އެތެރެއަށް ގިރެން ފަށައެވެ. މާލޭގެ ހުރިހާ ހޮސްޕިޓަލަކަށް ދިޔައީމެވެ. ޑޮކްޓަރުން އަޖައިބުވިއެވެ. އެ ބައްޔަށް ކިޔާނެ ނަމެއް، ދޭނެ ބޭހެއް ނޭނގުނެވެ. ވާގޮތެއް ވެސް ނޭނގުނެވެ. އެކި ފަހަރު އެކި ބޭހުން އަސަރުކުރޭތޯ ބެލިއެވެ. ވަރަށް ބޮޑުވަރުވެގެން ތަދު ކަނޑުވާ އިންޖެކުޝަން ވެސް ޖަހަން ޖެހުނެވެ. އެހެން ނޫނީ އަހަންނަކަށް ކެތެއް ނުވެއެވެ. ދިލަނަގާ ވަރުން އެއްތާކު އޮށޯވެގެނެއް ނޯވެވެއެވެ. އިށީނދެގެނެއް ނީނދެވެއެވެ. ކޮޅަކަށް ނުހުރެވެއެވެ. އަހަރެން ހުންނަނީ ހިނގާލަހިނގާލައެވެ. ހޮސްޕިޓަލުގައި އެޑުމިޓު ކުރިއެވެ. ހައެއްކަ ޑޮކްޓަރުން، ފައިލުތައް ހިފައިގެން އައިސް އަހަރެންގެ ފައި ބެލިއެވެ. ޖަވާބުގެ ބަދަލުގައި ޑޮކްޓަރުންގެ މެދުގައި އުފެދެނީ އިތުރު ސުވާލެވެ. އަހަރެންގެ ފައިގައި އޮންނަނީ މަދިރިގެއެއް ޒާތުގެ އެއްޗެއް ޖަހައިފައެވެ. އެންމެ ފަހުން، ގިނަ ޑޮކްޓަރުންނަށް އެއްބަސްވެވުނު ބޭސް ދީފައި އަހަރެން ގެއަށް ފޮނުވިއެވެ. އެ ބޭހަކުން ރަނގަޅެއް ނުވިއެވެ. އެއްވެސް ބަދަލެއް ނައެވެ. ބޭސްނުޖަހައި ހުއްޓައި އަމިއްލައަށް ރަނގަޅުވާން ފެށިއެވެ. ދެ ހަފުތާ ފަހުން އަނެއްކާ ވެސް ފޮޅުތައް ނަގަން ފެށިއެވެ. އެތައް ދުވަހެއް އެ ގޮތުގައި ފާއިތުވެގެން ގޮސް ދެ ހާސް ފަނަރަވަނަ އަހަރުގެ ޑިސެންބަރާ ހަމައަށް ފޯރިއެވެ. ޑިސެންބަރުގައި އަނެއްކާ ވެސް އާ ގޮތެއް ވާން ފެށިއެވެ. ފޮޅުތައް ކަކުލުން މައްޗަށް އަރަން ފެށިއެވެ. އުނަގަނޑާ ހަމައަށް އެރުމުން، ޑޮކްޓަރީ ފަރުވާ ނޫން އެހެން ދިމަދިމާއަށް ވެސް ވިސްނަން މަޖުބޫރުވާން ފެށިއެވެ. އޭރު ހުޅުތަކުގައި ވެސް ރިއްސައެވެ.

އާސަންދަ ހޯދައިގެން ލަންކާއަށް ދިޔައީމެވެ. ލިބުނީ ހިތިފޮނި ޚަބަރެކެވެ. ފޮނި ޚަބަރަކީ އެ ބަލީގެ ނަން އެނގުމެވެ. ހިތި ޚަބަރަކީ އެ ބައްޔަށް ފަރުވާއެއް ނެތްކަމެވެ. ދުނިޔޭގައި އެ ބަލި ޖެހިފައި ތިބީ އަށެއްކަ މީހުންނަށެވެ. ސްޓްރޮއިޑް ކައިގެން ލުއި ހޯދެއެވެ. އެއާ އެކުގައި ބައިވަރު "ސައިޑުއިފެކްޓު" ހުރެއެވެ. ފަހަރެއްގައި ގުނަވަނެއް އައިބު ވެސް ވެދާނެއެވެ. ވީމާ، އިހަށް އެ ފަރުވާ ނުހޯދައި މާލެއައީމެވެ. އެ އައިސް އުޅުމުގެ ތެރޭގައި އަމީނާ ދިމާވިއެވެ. އޭނައަކީ ވަރަށް އެކުގައި އުޅުނު އެކުވެރިއެކެވެ. ވަކި ހިސާބަކުން އޭނަ ކިޔަވަން ރާއްޖެއިން ބޭރަށް ދިޔައީއެވެ. އަމީން އެދުނީ ރުޤްޔާ ކިޔެވުމަށެވެ. އޭނަ ލަފާކުރާ ގޮތުގައި އަހަންނަށް ޖެހިފައިވަނީ ބައްޔެއް ނޫނެވެ. ސިހުރެކެވެ.

ސިހުރެއްކަމަށް ގަބޫލުކުރާކަށް ބައްޕަ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް، އެހެން ގޮތެއް ނެތެވެ. ރުޤްޔާ ކިޔަވަން ގެނައީ ހާދީއެވެ. ބައްޕަގެ އެކުވެރިއެކެވެ. އަހަރުމެން އެންމެން ތިބީ ބައްޕަގެ ގޭގައެވެ.

"ފުރަތަމަ ހިނގާ ބަލައިލަމާ ޖިންނިޝައިތާނުންގެ ކަމެއްތޯ،" ހާދީ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "މި ސޯފާގަ އޮށޯވެލާ!"

އަހަރެން އޮށޯތީމެވެ. ގާތުގައި ބައްޕަ އާއި އަމީން ތިއްބެވެ. ލޯމަރައިލުމަށް ހާދީ އެދުމުން އަހަރެން ލޯމަރައިލީމެވެ.

"ކުރުސި ކިޔާލާ!" އަހަރެންގެ ނިތްކުރިމަތީގައި އަތް ބާއްވައިލަމުން ހާދީ އެދުނެވެ.

އަހަރެން ކުރުސި ކިއީމެވެ. ހާދީ ކިޔަވަން ފެށިއެވެ. އަހަރެން އޮތީ ވަރަށް ވިސްނައިގެންނެވެ. ފުން އަނދިރިގަނޑުގެ ތެރެއިން ފެންނާނީ ކޯޗެއްކަމެއް އޭރަކު ކުޑަކޮށް ވެސް ނޭނގެއެވެ.

ނުނިމޭ