ޔަމަނުގެ ހޮސްޕިޓަލަކާ ކައިިރިއަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ޔަމަނުގެ ހޮސްޕިޓަލަކާ ކައިިރިއަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސަންއާ (މާޗް 27) - ޔަމަނުގެ ހުޅަނގު އުތުރުގެ ހޮސްޕިޓަލަކާ ކައިރި ސަރަހައްދަކަށް ވައިގެ ހަމަލާދީ ހަތް މީހުން މަރާލާފައިވާ ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.

އެ ހޮސްޕިޓަލް ހިންގާ ސޭފް ދަ ޗިލްރަން އިން ބުނީ ވައިގެ ހަމަލާގައި މަރުވި ހަތް މީހުންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ހިމެނޭ ކަމަށެވެ. މިސައިލް ހަމަލާ ދިން އިރު ހޮސްޕިޓަލަށް ގިނަ ބަޔަކު ވަންނަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ހެލްތު ވޯކަރެއް ހިމެނެ އެވެ. ހަމަލާގައި އަށް މީހަކު ވަނީ ޒަޚަމްވެފަ އެވެ. ހަމަލާ ދިން ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފައި ވަނީ ސައުދީ ކޯލިޝަނުންނެވެ.

ސޭވް ދަ ޗިލްރަން އިން ބުނެފައި ވަނީ ކޯލިޝަނުގެ ވައިގެ ހަމަލާތަކުގައި މިދިޔަ އަހަރު ވަނީ މަހަކު 37 ކުދިން މަރުވެފައި ކަމަށެވެ.

"ކުށެއް ނެތް ކުޑަ ކުދިންނާއި އެތައް ބައިވަރު ހެލްތު ވޯކަރުންނެއް ވަނީ ހޮސްޕިޓަލްތަކާއި އާއްމުން އުޅޭ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި މަރުވެފައި،" ސޭވް ދަ ޗިލްރަންގެ ޗީފް އެގްޒެކެޓިވް ކެވިން ވަޓްކިންސް ވިދާޅުވި އެވެ. "މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދޭ ހަމަލާތަކެއް."