31 އޯގަސްޓް 2016 - 06:46

އުރަމަތީ ކެންސަރުގެ އެންމެ ނުރައްކާތެރި އެއް ވައްތަރަށް ފަރުވާ ހޯދިއްޖެ ކަމަށް އުމުރުން 16 އަހަރުގެ ކުއްޖަކު ބުނެފި އެވެ.
އުރަމަތީ ކެންސަރަށް ފަރުވާ ހޯދުމުގައި ކާމިޔާބު ހޯދޭނެ ކަމަށް ބުނާ ގޮތް ބުނެދީފައި ވަނީ އަލްޒައިމާ އަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތެއް އީޖާދުކޮށްގެން 2015 ވަނަ އަހަރު ގޫގުލް ސައިންސް ފެއާ އިނާމު ހޯދި، އިނގިރޭސި ވިލާތުގެ ކްރްޓިން ނިތިޔަނަންދަމް އެވެ. އޭނާ ގެންދަނީ ކެންސަރަށް ފަރުވާ ހޯދުމާ ބެހޭ ގޮތުން ސްކޫލް ލެބްގައި މަސައްކަތްކުރަމުންނެވެ.
"ކެންސަރުގެ ގިނަ ވައްތަރުތަކުގެ ސާފޭސްގައި ބޭހަށް އިޖާބަ ދޭ ރިސެޕްޓާތައް ހުރޭ. އެކަމަކު [އުރަމަތީ ކެންސަރުގެ އެންމެ ނުރައްކާ ވައްތަރު ކަމަށްވާ] ޓްރިޕްލް ނެގަޓިވްގައި މި ރިސެޕްޓާތަކެއް ނުހުރޭ އެހެންވެ ބޭހަކުން އަސަރެއް ނުކުރާނެ،" ޓެލެގްރާފް ނޫހަށް ނިތިޔަނަންދަމް ބުނެފައިވެ އެވެ.
ނިތިޔަނަންދަމް ބުނެފައި ވަނީ ކެންސަރުގެ ނުރައްކާތެރި މި ސްޓޭޖްގައި ފަރުވާ ދޭން ހަދަން ޖެހޭނެ ގޮތަކީ، ކުރީގެ ހާލަތަކަށް ކެންސަރު ބަދަލުކުރުން ކަމަށެވެ. އެއީ ބޭހުން ކެންސަރަށް އަސަރުކުރާ ފަދަ ހާލަތަކަށް ބަދަލުކޮށްލުމެވެ. މިކަމުގައި ކާމިޔާބު ހޯދޭނީ އައިޑީ4 ޕްރޮޓީން ބްލޮކްކޮށްގެން ކަމަށާއި އެކަން ކުރެވޭނެ ގޮތެއް ހޯދިފައިވާ ކަމަށް ނިތިޔަނަންދަމް ބުނެ އެވެ.
ފުރާވަރުގެ މި ހުނަރުވެރިޔާ ބުނީ އޭނާގެ ހޯދުމަށް ސައިންސްވެރި ޝައުގުވެރިވެ ފަރުވާ ހޯދުމުގައި ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.