27 މާޗް 2019 - 10:14

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކުރީ 11:30 ހާއިރެވެ. ޓެސްޓުތަކެއް ހެދި ނަމަވެސް އަދީބަށް ފަރުވާ ދިނީ ކޮން ބައްޔަކަށް ކަމެއް ސާފެއް ނުވެ އެވެ.
ކަރެކްޝަންސް އިން ބުނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ ޝަރުތުތަކާ އެކުގައި ކަމަށެވެ. ނަމަވެސް ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ނުބުންޏެވެ.
މީގެ ކުރިން އަދީބު ގޭ ބަންދަށް ބަދަލުކުރުމުން، އޭނާ ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެކަން ހާމަކުރި ނަމަވެސް މިފަހަރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު މިިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ޖެނުއަރީ ދެ ވަނަ ދުވަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ އަދީބު މީގެ ކުރިން ޖަލަށް ގެންދިއުމުން، އޭނާ އަނބުރާ ގޭ ބަންދަށް ބަދަލުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރުނެވެ. ނަމަވެސް ގޭ ބަންދަށް ވެސް ބަދަލުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްފަ އެވެ.
ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ، ހައި ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް، އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުންނެވެ.
އަދީބު ގޭ ބަންދަށް ބަދަލުކުރިއިރު، މަނީލޯންޑަރިންގެ ތުހުމަތުގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ޖަލުގައި ބެހެއްޓުމަށް ފަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެެވެ. އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.