28 މާޗް 2019 - 07:27

ރާނީ މުކަރްޖީ "މަރުދާނީ 2" ގެ ޝޫޓިން ފަށައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރާ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
މިއީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ހިޗްކީ" އަށް ފަހު ރާނީ ކުޅޭ ފުރަތަމަ ފިލްމެވެ. "މަރުދާނީ 2" އަކީ 2014 ގައި ރާނީ ފުލުހެއްގެ ރޯލު ކުޅުނު ފިލްމު "މަރުދާނީ" ގެ ދެވަނަ ބައެވެ.
މި ފަހަރު ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ ޕްރިކްއެލްގެ ސްކްރީން ރައިޓަރު ގޯޕީ ޕުތުރާން އެވެ. "މަރުދާނީ" ޑައިރެކްޓް ކުރީ ޕްރަދީޕް ސަރުކާރެވެ.
ރިޕޯޓްތައް ބުނާ ގޮތުން "މަރުދާނީ 2" އިން އެކްޓަރު ޗަންކީ ޕާންޑޭ އަށް ބޮޑުބޭބެ ކިޔާ އަހާން ޕާންޑޭ ބޮލީވުޑަށް ލޯންޗް ކުރާނެ އެވެ. އެކަމަކު ވައިއާރްއެފުން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.
އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރް މިދިޔަ އަހަރު ސޮއިކުރި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ ޝޫޓިން މި އަހަރު ޑިސެމްބަރުގައި ފަށަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ނަން އިއުލާންކޮށްފައި ނުވާ އެކްޝަން ފިލްމުގެ ޝޫޓިން ޑިސެމްބަރުގައި ފެށުމަށް ފަހު، އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ނިންމާލައި އަންނަ އަހަރުގެ ތެރޭގައި ފިލްމު ސިނަމާތަކަށް ގެންނާނެ އެވެ. ކުރިން އިއުލާންކޮށްފައިވާ ގޮތުގައި ފިލްމު ރިލީް ކުރާނީ ޑިސެމްބަރު، 20، 2020 ގަ އެވެ.
މީގެ ކުރިން ޕްރަކާޝް ޖާގެ ޕޮލިޓިކަލް ތުރިލާ "ރާޖްނީތީ" ގައި ވެސް އެކުގައި މަސައްކަތްކޮށްފައިވާ އަޖޭ އާއި ރަންބީރާ އެކު ލަވްގެ ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނެ ތަރިއަކު އަދި ނުނިންމަ އެވެ. އެކަމަކު ފިލްމު ދީޕިކާ އަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
ލަވް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.
އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު އީރާ ހާން އޭނާގެ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ނަގާފައިވާ ފޮޓޯތަކުގައި އީރާ ފެންނަނީ ލޯބިވެރިޔާއާ އެކު ވަރަށް ގައިގޯޅިކޮށެވެ. ފިލްމީ މަސައްކަތްތަކާ އެއްވެސް ވަރަކަށް ނޫޅޭ އީރާ ރައްޓެހިވެގެން އުޅެނީ މިޝާލް ކިރްޕަލާނީ ކިޔާ ޒުވާނަކާ އެވެ.
އުމުރުން މިހާރު 22 އަހަރުގެ އީރާގެ އިތުރުން އާމިރުގެ އަލަތު ކައިވެންޏަށް ލިބިފައިވާ ދޮށީ ފިރިހެން ދަރިފުޅަކީ މިހާރު 26 އަހަރުގެ ޖުނައިދު ހާނެވެ. އާމިރު ދާދި ފަހުން ބުނެފައިވާ ގޮތުގައި ޖުނައިދު ވަނީ އެކްޓިން އަށް ނުކުންނަން ނިންމައިފަ އެވެ. ނަމަވެސް އޭނާ ފިލްމު ކުޅޭނީ ސްކްރީން ޓެސްޓް ހަދައި އެއިން ފާސްވެއްޖެ ނަމަ، ރަނގަޅު ސްކްރިޕްޓަކަށް ހަދާ ފިލްމަކުން ކަމަށް ބުންޏެވެ.
އާމިރާއި އޭނާގެ މިހާރުގެ އަންހެނުން ކިރަން ރާއޯގެ ވެސް ދަރިއަކު ވެސް ހުރެ އެވެ. އެއީ ސަރޮގޭޓްކޮށްގެން ހޯދި މިހާރު 8 އަހަރުގެ އާޒާދު ރާއޯ ހާނެވެ.
ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "މިސްޓަ އިންޑިއާ" އާއި ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "އެލިޒަބަތު" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޝޭކަރް ކަޕޫރް ސިލްސިލާއެއް ގެނެސް ދޭން ނިންމައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އޭނާ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ އިންޑިއާގެ ލިޔުންތެރިޔާ އަމީތާވް ގޯޝް ގެނެސް ދިން ކާމިޔާބު ވާހަކަ ސިލްސިލާ "އިބީޒް ޓްރިލޮޖީ" އަށް ބިނާކޮށް ހަދާ ސިލްސިލާއެކެވެ. މިއީ 19 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސީންނާއި ޗައިނާ އާއި އިންޑިއާގެ މެދުގައި އޯޕިއަމްގެ ވިޔަފާރީގެ ތެރޭގައި އޮތް ވާދަވެރިކަމާއި ކޯޅުންގަނޑުގެ ހާދިސާތައް ކިޔައިދޭ ވާހަކައެކެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި ޝޭކަރް މި ވާހަކަ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭނީ އެންޑެމޯލް ޝައިން އިންޑިއާ އާއި ޑޯވްޓޭލް މީޑިއާއާ ގުޅިގެންނެވެ.
"އިބީޒް ޓްރިލޮޖީ" އަށް ސިލްސިލާއެއް ހަދާ އިރު، މީގެ ތާރީހާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގަ އާއި ސްޓޯރީ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އާއި "ދަ ޓިއުޑޯޒް" ފަދަ ސިލްސިލާތަކުގައި ހިއްސާވި ޖަސްޓިން ޕޮލާޑެވެ.
ނަމަވެސް "އިބީސް ޓްރިލޮޖީ" ގެ ކާސްޓާއި މީގެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.