މާލޭގައި ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން 6000ރ. ފޭރިގެންފި
މާލޭގައި ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން 6000ރ. ފޭރިގެންފި

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން 6000ރ. ރޭ ދަންވަރު ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޯކިޑް މަގު، އައިކެއާ ކައިރިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއްގެ އަތުގައި ހުރި ފައިސާގެ އިތުރުން ފޯނު ވެސް ފޭރިގެންފައިވާ ކަމަށެވެ. މިކަން ކުރީ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފޭރުމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.

މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރިގެން އިރު، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، މީހެއްގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފަ އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ. މާލޭގައި އާންމުކޮށް ވަގުންގެ އަމާޒު ހުރީ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ބޭންކަށް ޖަމާ ކުރަން ދާ
މީހުންނަށެވެ. މި ފޭރުންތަކާ ގުޅޭ މައުލޫމާތު ފުލުހުން ތަފުސީލުކޮށް މީޑިއާ އަށް އާންމެއް ނުކުރެ އެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އެދުނީ ގިނަ އަދަދެއްގެ ފައިސާ ތަނަކަށް ގެންދާ ނަމަ، ފުލުހުންގެ އެހީ ހޯދުމަށެވެ.