27 މާޗް 2019 - 10:05

ޕްރާގް، ޗެކް ރިޕަބްލިކް (މާޗް 27) - އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމުގެ ޖާގަ އަދި އެއްވެސް ކުޅުންތެރިޔަކަށް ޔަގީންނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ބުނެފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ބްރެޒިލް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ ޕެނަމާއާ 1-1 އިން އެއްވަރުވެފަ އެވެ. އެކަމަކު ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ ޗެކް ރިޕަބްލިކް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ޗެކް ރިޕަބްލިކްގެ ޑޭވިޑް ޕަވެލްކާ އެވެ. ބްރެޒިލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ނަތީޖާ ހަމަހަމަކުރިއިރު، މެޗުގެ ފަހު ހަތް މިނިޓް ތެރޭ އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މެންޗެސްޓާ ސިޓީގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ.
ބްރެޒިލުން އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރީ 2007 ވަނަ އަހަރު ވެނެޒުއޭލާގައި ބޭއްވި މުބާރާތެވެ. އޭގެ ފަހުން ބޭއްވި ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓިއިރު، އެންމެ ފަހުން ބޭއްވި މުބާރާތުން ވަކިވީ ގްރޫޕް ސްޓޭޖުންނެވެ.
އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ނުލިބުމުގެ މާޔޫސްކަން ބްރެޒިލުން ފިލުވާލީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހާސިލްކޮށްގެންނެވެ. ޓީޓޭ ބުނީ އޮލިމްޕިކްސްގެ ކާމިޔާބީގެ ފިޔަވަޅު މަތީގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ.
"އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބްރެޒިލުން އަބަދުވެސް ތަފާތު ދައްކާނެ. އަހަރެމެން މި ދަނީ އެ ފަދަ މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިން ޓީމަށް ހޯދަމުން. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވިއްޖެ. ޔަގީނުން ވެސް އެނގޭ ކަމަކީ އަދި ކޮޕަ އެމެރިކާގައި ކުޅޭނެ ޓީމެއް ކަނޑައެއް ނާޅަން،" ޓީޓޭ ބުންޏެވެ.
ބްރެޒިލުން އެންމެ ފަހުން ދެ މެޗު ކުޅުނީ އަނިޔާގައި ހުރި ނޭމާ ނުލަ އެވެ. އެކަމަކު އެ ޓީމުން ވަނީ އަރަމުން އަންނަ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އޭސީ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޫކަސް ޕަކޭޓާ އާއި އަޔަކްސްގައި ތަފާތު ދައްކަމުން އަންނަ ޑޭވިޑް ނެރެސް ހިމެނެ އެވެ.