30 އޯގަސްޓް 2016 - 10:44

ބާސެލޯނާ (އޮގަސްޓް 30) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އޮތް ނަމަވެސް، ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކުރުމަށް ވާހަކަތައް ފަށާފައިވާ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫ ވިދާޅުވެއްޖެ އެވެ.
ޓެކްސް މައްސަލައިގައި ސްޕެއިން ޕްރޮސެކިއުޓަރުން މެސީގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ބޭނުންވަނީ ސްޕެއިން ދޫކޮށްލާށެވެ. އަދި ކެރިއަރުގެ ފަހުކޮޅަށް ވުމާ އެކު މެސީ އެހެން ކްލަބަށް ބަދަލުވުމުގެ ފުރުސަތު އޮތުމުން ބާސެލޯނާ އިން ބޭނުންވަނީ އޭނާ ލައްވާ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވާށެވެ.
"މެސީގެ ކޮންޓްރެކްޓުގައި ދެ އަހަރު އެބައޮތް. އެކަމަކު އާ ކުރުމާ ބެހޭގޮތުން ވާހަކަ ދެެކެވެމުން އަންނަނީ،" ބާމޮޓެއޫ ވިދާޅުވި އެވެ. "އަހަރެމެން ބޭނުންވަނީ އޭނާ ވީހާ ވެސް ގިނަ ދުވަހަކު މި ކްލަބުގައި މަޑުކުރުވަން."
ކޮޕާ އެމެރިކާގެ ފައިނަލުން އާޖެންޓީނާ ބަލިވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު، މިހާރު އެނބުރި ގައުމީ ޓީމަށް ދާން ނިންމާފައިވާ ކުޅުންތެރިޔާ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ސުޕަ ކަޕް ދާދި ފަހުން އުފުލާލައިފަ އެވެ. އެކަމަކު މިވަގުތު އޭނާ ހުރީ އަނިޔާއެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ގައުމީ ޓީމަށް ކުޅެވުމުގެ ފުރުސަތު ކުޑައިރު، ބްރޭކަށް ފަހު ސީޒަން އަލުން ފަށާއިރު އޭނާ ފިޓްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ބާމޮޓެއޫ ވިދާޅުވީ މެސީ އަކީ ހިތްވަރުގަދަ ކުޅުންތެރިއެއް ކަމަށާއި ޓެކްސް މައްސަލައިގެ ކަންތަކުން އޭނާ އަރައިގެންފައިވާ ކަމަށެވެ.