28 މާޗް 2019 - 07:37

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި ވާދަކުރާ 386 ކެންޑިޑޭޓުންގެ 45 ޕަސެންޓަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ މީހުންނެވެ. އެ 174 މީހުންނާއި ޕާޓީތަކުން ވާދަކުރާ 212 މީހުންގެ ތަފާތަކީ ކޮބާ ހެއްޔެވެ؟

އަމިއްލަ ގޮތުން ވާދަކުރިޔަސް، ސިޔާސީ ޕާޓީއެއް ތަމްސީލްކުރިޔަސް މި ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ސިޔާސީ ކަމަކަށް ކުރިމަތިލައިގެން އުޅޭ ސިޔާސީ މީހުންނެވެ. މިހާތަނަށް ސިޔާސީ ޕާޓީތަކުން ކަންކަން ކޮށްފައިވާ ގޮތާ މެދު މާޔޫސްވެ ތިބެގެން ވޯޓު ލާން ދާ މީހުންގެ ނިންމުމަކަށް ފަހަރުގައި ވާނީ އަމިއްލަ ކެންޑިޑޭޓަކު އިހުތިޔާރުކުރުމެވެ.

އެކަމަކު އަމިއްލަ ހުރިހާ ކެންޑިޑޭޓުންނަކީ މިނިވަނުންނެއް ނޫނެވެ. އަދި މިނިވަނަކަށް ވިޔަސް، ކުރިމަތިލީ އަމިއްލަ ގޮތުން ކަމަށް ވީތީ އޭނާއަކީ އެންމެ ރަނގަޅު މީހާ ކަމަކަށް ވެސް ނުވާނެ އެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ކުލައަކަށް ނުވަތަ ކުރިމަތިލީ ހައިސިއްޔަތަކަށް ނުބަލައި މީހާ އަށް ބެލުން ހެއްޔެވެ؟

ވޯޓު ލާ އާބާދީގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވުރެ ގިނައީ ޕާޓީއަކަށް ނިސްބަތް ނުވާ މީހުންނެވެ. އެކަމަކު އެއީ އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ބޮޑުވާ ކަމެއް ނޫންކަން އެނގެ އެވެ.

ވޭތުވެދިޔަ މަޖިލިސް އިންތިހާބުތަކުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރެވިފައި ވަނީ އެންމެ 4-5 ޕަސެންޓަށެވެ. މިހާރު އޮތް މަޖިލިސް 2014ގައި އިންތިހާބުކުރި އިރު 114 އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ހޮވުނީ އެންމެ ފަސް މީހުންނެވެ. އަދި ޕާޓީތަކަށް ވުރެ ގިނައިން އަމިއްލަ މީހުން ކުރިމަތިލާފައިވާ 2009ގައި 246 އަމިއްލަ ކެންޑިޑޭޓުން ވާދަކޮށްގެން އިންތިހާބުވީ 13 މީހުންނެވެ.
މިފަހަރު އަމިއްލަ ކެންޑިޑޭޓުން ހޮވޭ އަދަދު ނިސްބަތުން އިތުރުވެދާނެ ހެއްޔެވެ؟
މި އިންތިހާބުގެ ކެމްޕެއިން ތެރޭގައި އަމިއްލަ ބައެއް ކެންޑިޑޭޓުންގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެންނަމުން ދެ އެވެ. މާލީ ބަޔާން އާއްމުކުރުމަށް އިސްނެގުމާއި ކެމްޕެއިން ކުރުމަށް އެއްވެސް ވިޔަފާރިއެއްގެ ފައިސާގައި ނުހިފުމާއި ލިބޭ ފައިސާގެ ތަފްސީލް ހާމަކުރުމުގެ އިތުރުން އިންތިހާބުވެއްޖެ ނަމަ މަޖިލީހަކީ ނަޒާހާތްތެރި އަދި ސީދާ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ތަނަކަށް ހަދަން ކުރާނެ ކަންތައްތަކުގެ ވައުދުތައް އެ މީހުން ވަނީ ވެފަ އެވެ. މިއީ މަޖިލީހުގެ މެމްބަރުންނާ މެދު އާއްމު ރައްޔިތުންގެ އުއްމީދުތައް ހުރި ގޮތެވެ.
އެކަމަކު ބައެއް ޕާޓީތަކުން ބުނަމުންދަނީ އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވޭ މެމްބަރަކަށް ރައްޔިތުންނަށް މާ ބޮޑު ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. އެ ވާހަކައިން އަމިއްލަ ކެންޑިޑޭޓުންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް/އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރެ، އެމްޑީޕީގެ ކެމްޕެއިން ބިނާކޮށްފައި ވަނީ "އެޖެންޑާ 19" އިން ރައްޔިތުންނަށް "ޖުމްލަ ހައްލެއް" ގެނެސްދޭނެ ކަމުގެ ވައުދުތަކަށެވެ. އެހެންކަމުން ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މަޖިލީހަކީ އަޣުލަބިއްޔަތުން ކަންކަން ނިންމާ ތަނަކަށް ވާއިރު މިނިވަން ކެންޑިޑޭޓުން ހޮވައިގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
"ބައެއް ފަހަރު ޕާޓީއެއްގެ ބައިވެރިވުމާ ނުލައި ޕާޓީއެއްގެ ބޮޑު އާއިލާއާ އެކު ނުހިމެނި، އެބަ މެމްބަރުން ކުރިމަތި ލައްވާ، ހަމަ ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ކަމަށް ވިދާޅުވަމުން. އެހެން ނަމަވެސް ބައްލަވާ ... އެކަނި ކުރިމަތިލައްވައިގެން އިންނަވާ މިނިވަން ކެނޑިޑޭޓަކަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް،" ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު މިދިޔަ މަހު ވިދާޅުވެފައިވެ އެވެ.
މިނިވަން މެމްބަރުންގެ ބަލިފަޔަކީ އަޣުލަބިއްޔަތަކަށް ނިސްބަތް ނުވުން ކަމަށް ނަޝީދު ފަދަ ބޭފުޅުން ވިދާޅުވާ އިރު، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އިތުބާރުކުރަން ބައެއް އާއްމުންނަށް އުނދަގޫ ވަނީ، ކެމްޕެއިންގައި އަމިއްލަކަމާއި މިނިވަންކަން ދެއްކުމަށް ފަހު ގޮނޑި ލިބުމުން ޕާޓީއަކަށް ވަންނާތީ އެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ މިދިޔަ އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވުނު ފަސް މެމްބަރުން ވެސް ފަހުން ޕީޕީއެމްއާ ގުޅިފައިވުމެވެ.
އަމިއްލަ ގޮތުން ވާދަކުރިޔަސް، ހޮވިއްޖެ ނަމަ، ޕާޓީތަކާ ގުޅޭނެ ކެންޑިޑޭޓުން މި އިންތިހާބުގައި ވެސް އެބަ އުޅެ އެވެ. އެ ގޮތަށް ބެލެވެނީ އެ ކެންޑިޑޭޓުން ސިޔާސީ މީހުންނާއި ޕާޓީތަކާ ގުޅިފައި ނުވަތަ މިހާތަނަށް ގުޅިގެން މަސައްކަތްކޮށްފައި ވާތީ އެވެ. ބައެއް ކެންޑިޑޭޓުން އެކަން ސިއްރެއް ނުކުރެ އެވެ. އަދި ޕީޕީއެމް/ޕީއެންސީ އިން ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓުން ތިބިކަމާއި އެއީ ކޮން ބައެއްކަން އިއުލާންކޮށްފައި ވެސް ވެ އެވެ.
ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާ ކަމަށް އާއްމުން ގަބޫލުކުރާ އަދި މެމްބަރުން ފައިސާ އަށް ވޯޓު ވިއްކައި ޕާޓީތަކާ ގުޅެން ރިޝްވަތު ނަގާ ކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ރައްޔިތުންގެ މަޖިލީހުގައި އެފަދަ ނުފޫޒެއްގައި ނުޖެހޭ މީހަކު މަދުވާނެ ކަމަށް ރައްޔިތުން ދެކޭ އިރު، އަމިއްލަ ގޮތުން ހޮވިގެން މިނިވަންކަންމަތީ ތިބޭނީ ކިތައް މީހުންތޯ އެއީ ގިނަ ބައެއްގެ ސުވާލެކެވެ.
މިނިވަން ބައެއް ކެންޑިޑޭޓުން ބުނާގޮތުގައި އަމިއްލަ ގޮތުން މިފަހަރު ގިނަ ބަޔަކު ނުކުތީ ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި މަޖިލީހުގެ މެމްބަރުން މިހާރު ވެސް ހިމެނިފައި ވާތީ އާއި "ޕާޓީތައް ޒިންމާދާރު ނުވީމަ" އެވެ. ބޮޑުންނާއި ވިޔަފާރިވެރިންގެ ނުފޫޒުން މަޖިލިސް ސަލާމަތްކޮށް ރައްޔިތުންގެ ތަނަކަށް ހަދަން ޖެހޭ ކަމަށް އަމިއްލަ ބައެއް ކެންޑިޑޭޓުން ވަކާލާތުކުރަމުންދާ އިރު މިއީ ތަފާތު އިންތިހާބެއް ކަމަށް އެ މީހުން ބުނެ އެވެ.
"މި ފަހަރު އާއްމުން މި ތިބީ ޕާޓީތަކާ ދޭތެރޭ ވަރަށް ބޮޑަށް މާޔޫސްވެފައި. އެހެންވީމާ މިނިވަންކޮށް ނުކުންނަ ރަނގަޅު މީހުންނަށް ވަރަށް ފުރުސަތު ބޮޑު. އަދި މި ފަހަރު ތަންކޮޅެއް އުއްމީދު ބޮޑު، އަމިއްލަ ގޮތުން ހޮވޭ މީހުން މިނިވަންކޮށް ތިބުމަށް. ބައެއް މިނިވަން ކެންޑިޑޭޓުން ސޮއިކޮށްފައި އޮތް ޕްލެޖެއް ވެސް މިހާރު އޮންނާނެ ޕާޓީއަކަށް ނުވަންނާނެ ކަމުގެ،" ގަލޮޅު އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަމްޒާ ހަލީލް ވިދާޅުވި އެވެ.
މައިގަނޑު ގޮތެއްގައި މިނިވަން ކެންޑިޑޭޓުންގެ ވާހަކައަކީ މިހާރު ހުރި ޕާޓީތައް ހިންގާ ގޮތާއި މަޖިލީހުގައި ޕާޓީތަކުން ކަން ކުރާ ގޮތަށް ބަލާ އިރު މި އިންތިހާބުގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކީ އެ މީހުން ހޮވުން ކަމެވެ.
"އަޅުގަނޑު ސިޔާސީ ޕާޓީތަކާ އެއްގޮތަކަށް ވެސް ދެކޮޅީއެއް ނޫން. ޕާޓީތަކަކީ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް ގުނަވަން. އެކަމަކު މި ވަގުތު ރާއްޖެއަކު ނެތް ރަނގަޅު ޕާޓީއެއް. އެތެރޭގެ ޑިމޮކްރެސީއެއް ނެތް، އާ މީހަކަށް ފުރުސަތެއް ނެތް، ޖަވާބުދާރީކުރެވޭނެ ގޮތެއް ނެތް. އެހެންވީމާ މިފަދަ ޕާޓީތަކަކުން ނެރޭ ވިޕްލައިނެއްގެ ތެރެއިން ހަތަރެސްފައި ބަނދެވިގެން ރައްޔިތުންނަށް ހިދުމަތެއް ނުކޮށްދެވޭނެ،" ހަމްޒާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅަން އަމިއްލަ މެމްބަރުންނަށް ވެސް ފުރުސަތު އެބަ އޮވޭ. އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން ޕެޓިޝަން ހެދީމާ ރައްޔިތުންނަށް ސީދާ އެބަ ބައިވެރިވެވޭ. އެ މީހުންގެ ހިޔާލު ހޯދައިގެން އެ މީހުންގެ ތާއީދާ އެކީގައި މަޖިލީހަށް ހުށަހަޅާ ބިލެއް ޕާޓީތަކުން ކިހިނެއް ރިޖެކްޓްކުރާނީ؟ އެކަނި ނުކުމެގެން ވެސް ބަދަލު ގެނެވޭނެ. ބާނީ ސޭންޑާސްއަކީ އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް ޕޮލިޓީޝަން. ރައީސް ނަޝީދު ނުވަދިހައިގެ ތެރޭގައި މަޖިލީހަށް ނުކުމެވަޑައިގަތީ ވެސް އަމިއްލަފުޅަށް، ސަރުކާރު މެމްބަރެއްގެ ގޮތަކު ނޫން."
ޕާޓީތަކާއި އަމިއްލަ މެމްބަރުން އަޅާބަލާ ނަމަ ވިސްނަން ޖެހޭ މިފަދަ ބައެއް ކަންކަން އެބަ ހުއްޓެވެ. މަޖިލީހަށް އަމިއްލަ ގޮތުން ކުރިމަތިލާ އެންމެންނަކީ މިނިވަނުން ނޫންކަން އެނގޭ ފަދައިން، ހޮވޭ ހުރިހާ އަމިއްލަ ކެންޑިޑޭޓުން މިނިވަންކަންމަތީގައި ނުތިބެދާނެކަން ހަނދާންކުރަން ޖެހެ އެވެ. ނުވަތަ މިނިވަން މީހާއަކީ މެމްބަރުކަމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ވެސް ނުވެ ހިނގައިދާނެ އެވެ. ހަމަ އެ ގޮތަށް، ޕާޓީއެއްގެ ވައުދުތައް ކިތަންމެ ވަރުގަދަވެފައި ފުރިހަމަޔަސް، ވަކި ކުލައަކަށް ވުމަކުން، އެ ކެންޑިޑޭޓަކީ އެންމެ ރަނގަޅު މީހާ ކަމަކަށް ވެސް ނުވާނެ އެވެ.
ފަހަރުގައި އެންމެ ރަނގަޅު ވާނީ އެ ކެންޑިޑޭޓެއްގެ މާޒީ އަށާއި ފަސްބަޔަށް ބަލައިގެން ވޯޓު ދިނުމެވެ. ނުވަތަ މެމްބަރެއްގެ ގޮތުގައި ގާބިލްކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަން ދައްކާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ބިނާކޮށް ކެންޑިޑޭޓަކު އިހްތިޔާރުކުރުމެވެ.