އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި
އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި

އަންނަ ޖުލައި މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ އަމާޒަކަށްވާން ޖެހޭނީ މެޑަލް ހޯދުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި
އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި

އިއްޔެ ހަވީރު ހެންވޭރު ބޯޅަގޭގައި އައިއޯއައިޖީގައި ވާދަކުރާ އަންހެން އަދި ފިރިހެން ގައުމީ ޓީމު އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ފަހަކަށް އައިސް ވޮލީގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މިހާރު ކުރިއަށް ވުރެ ގިނަ މަސައްކަތްތަކެއްކޮށް އަމާޒު ހިފަން ޖެހިފައިވަނީ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ.

އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި
އައިއޯއައިޖީގައި ވޮލީން މެޑަލްގެ އަމާޒުގައި

"އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެންގެ ގައުމީ ޓީމުތަކުން އަބަދުވެސް ހިތްވަރު ލައިގެން މަސައްކަތް ކުރުން. ގައުމީ އަންހެން ޓީމުގެ ކޯޗު (ސަތޯ) އަޅުގަނޑު ކައިރީގައި ބުނެފައި އޮތީ މި ފަހަރު ގޯލްޑް މެޑަލް ގެނެސްދޭނަމޭ. އެ ހިތްވަރުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވޮލީގެ އެގްޒެކްޓިވް ކޮމިޓީ އާއި ވޮލީ އާއިލާ އަށް ވަރަށް ބޭނުން ކަމެއް،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެން ޓީމެކޭ އެއްގޮތަށް ފިިރިހެން ޓީމު ވެސް އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވަމުން ކަމަށާއި އެ ޓީމަށް ވެސް މަސައްކަތްކޮށްފިނަމަ ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފިރިހެން ޓީމު ވެސް އޮތީ ވަރަށް ރަނގަޅު އަޒުމެއްގައި. އަޅުގަނޑުމެންގެ އެދުމަކީ ހިތްވަރާ އެކު ދިވެހި ރާއްޖެ އަށް ފިރިހެން ޓީމު ވެސް ޝަރަފްވެރި މަގާމެއް ހޯދައިދިނުން. މަސައްކަތް ކުރަންވީ ފައިނަލުގައި ކުޅެން،" ލަތީފް ވިދާޅުވި އެވެ.

ގިނަ ކޯޅުންތަކަކަށް ފަހު ވީއޭއެމްގެ ރައީސް ކަމަށް ލަތީފް، 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވުމަށް ފަހު އެންމެ ވަރުގަދަ އަށް ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެއް ކަމަކީ ވޮލީގެ އިސްލާހީ އެޖެންޑާގެ މަސައްކަތެވެ. އެކަަމަކު އެ މަސައްކަތް އިއުލާނުކުރިތާ ދެ އަހަރު ދުވަސް ފާއިތުވެފައިފާއިރު، އޭގެ އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ވޮލީގެ ލީޑަޝިޕަށް ފާޑުކިއަމުންނެވެ. އަދި ވީއޭއެމްގެ އެކި މަގާމުތަކުން މިދިޔަ މުއްދަތުގެ ތެރޭގައި ވަކިވެ، އިސްތިއުފާ ދީފައިވާ މީހުންގެ އަދަދު ގިނަވުމުން އެނގެނީ ލީޑަޝިޕް އޮތީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް ވޮލީ އާއިލާގެ ގިނަ ބަޔަކު ދެކެ އެވެ.

ލަތީފް ވިދާޅުވީ ވޮލީގެ ތެރޭގައި އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އިސްލާހީ އެޖެންޑާގެ ކަންތައްތައް ނިންމާލުން ކަމަށެވެ.

"ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރިފޯމް އެޖެންޑާ އެއްކޮށް ނިންމާލެވޭނެ. އެ ނިމޭއިރު ހުރިހާ ކަމެއް ހުންނާނީ ބަރާބަރަށް. ފުރަތަމަ އަޅުގަނޑުމެން ފެށީ ގައުމީ ޓީމުތަކުގެ އިސްލާހީ މަސައްކަތް. އެ މަސައްކަތަށް ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ،" ލަތީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ފުޅާކޮށްގެން ބާއްވަން ރާވާފައިވާ ވޮލީގެ އަތޮޅު މުބާރާތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާ ކަމަށާއި އެއަށް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ވޮލީބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް މަސައްކަތް ކުރިއަށް ގެންދަން އެސޯސިއޭޝަންގެ ޕްލޭންތަކެއް އެބަހުރި ކަމަށާއި އެ ގޮތުން އެކި ޖަމިއްޔާތަކާ ގުޅިގެން އެކަން ކުރިއަށްގެންދިއުން އެންމެ ބޭނުންވާ ގޮތަށް މަސައްކަތްތައް ފެށިގެންދާނީ މިހާރު ކުރިއަށްދާ އިންޓަ ސްކޫލު ވޮލީބޯޅަ މުބާރާތަށް ފަހު ކަމަށެވެ.

މިއަދުގެ ސަރުކާރުން އިސްކަމެއްގެ ގޮތުގައި ދެކިގެން ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ ކުޅިވަރެއް ކުޅެން ހާއްސަ ތަނެއް ގާއިމްކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ވޮލީބޯޅަ އަށް ވެސް ހާއްސަ ތަނެއް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ދީފައިވާކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

"ތި ކުދިން 24 ގަޑިއިރު ވޮލީ ކުޅޭނެތަނެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" ލަތީފް ވިދާޅުވި އެވެ.

އިއްޔެގެ ހަފްލާ ޝަރަފްވެރިކޮށްދެއްވި އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވޮލީބޯޅަ އަށް ހާއްސަ ތަނެއް ގާއިމްކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ހުރިހާ ކުޅުންތެރިންނަށް ހަމަހަމަ މުސާރައެއް ދިނުމުގެ ވިސްނުން އިސްކުރިއިރު، ހުރިހާ ކުޅުންތެރިން އިންޝިއުރެންސް ކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ މި ސަރުކާރުން ހާއްސަކޮށް ވޮލީބޯޅަ އަށް ވަރަށް ގާތްކަން ބަހައްޓާ ކަމަށާއި ވޮލީގެ އެކި ކަންތައްތަކަށް ވަރަށް ރަނގަޅު ހައްލެއް ހޯދައިދެމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން ޓީމުގެ ރޫހު ރަނގަޅުވެ މި ފަހަރުގެ އައިއޯއައިޖީގައި ކާމިޔާބު ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ފިިރިހެން ޓީމުން އެ މަސައްކަތްކުރަން ވަރަށް ހިތްވަރު ކުރާނަން. މި ތިބީ އައިއޯއައިޖީގައި ތިން ކުލައިގެ ތެރެއިން ކޮންމެ ވެސް އެއް ކުލައެއްގެ މެޑަލެއް ހިފައިގެން އައުމުގެ އަޒުމުގައި،" ކާއްޓޭ ބުންޏެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ ކޮންމެ ކުޅިވަރެއް ވެސް ކުރިއަރައިގެންދާނީ ރަނގަޅު ގޮތްތަކެއް ހޯދައިދީގެން ކަމަށާއި މި ފަހަރުގެ އައިއޯއައީޖީގައި ވޮލީ އަށް ކާމިޔާބަށް އެދޭ ކަމަށެވެ. އަދި ގައުމު ތަމްސީލުކުރަން ގައުމީ ޓީމުގައި ހުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަން އެންމެ ރަނގަޅަށް އަދާކުރަން ހުރިހާ ކުޅުންތެރިން ކިބައިން އިބްރާހިމް އިސްމާއިލް އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކުރީ ފިރިހެން ވޮލީ ޓީމު އެކަންޏެވެ. އެކަމަކު މި ފަހަރުގެ އައިއޯއައިޖީގައި އަންހެން އަދި ފިިރިހެން ޓީމު ވާދަކުރާނެ އެވެ. އެ މުބާރާތަށް ދިއުމުގެ ކުރިން އަންހެން އަދި ފިރިހެން ޓީމު ކޭމްޕް ކުރާނެ ކަމަށް މީގެ ކުރިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.