ފަރުވާ ހޯދަން ހަ ހަފުތާ އަށް ނަވާޒް ޝަރީފް މިނިވަންކޮށްފި
ފަރުވާ ހޯދަން ހަ ހަފުތާ އަށް ނަވާޒް ޝަރީފް މިނިވަންކޮށްފި

އިސްލާމްއާބާދު (މާޗް 26) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ޓަކައި ހަ ހަފުތާގެ މުއްދަތަށް ޖަލުން މިނިވަންކޮށްފި އެވެ.

ނަވާޒް ޝަރީފް މިހާރު ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފަށް ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމުގެ އިތުރުން ކިޑްނީގެ އާލާސްކަންފުޅަކަށް ވެސް ދަނީ ފަރުވާ ހޯއްދަވަމުންނެވެ. ޖަލު ހުކުމް އައުމުގެ ކުރިން ނަވާޒް ޝަރީފް ވަނީ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ.

ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް ހަ ހަފުތާ އަށް މިނިވަން ކުރި ނަމަވެސް އެމަނިކުފާން ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައެއް ނުވެ އެވެ. އަދި ކަފާލާތުގެ މުއްދަތު ނިމުމުން ޖަލުތަކާ ބެހޭ ފަރާތްތަކާ ހަވާލުވާން ޖެހޭނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

ނަވާޒް ޝަރީފުގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ޖަލުން ފަރުވާ ކުރެވެން ނެތް ކަމަށެވެ.

ކޮރަޕްޝަނުގެ ކުށުގައި ޖުލައި 2018 ގައި ނަވާޒް ޝަރީފް ޖަލުގައި ފުރަތަމަ ބަންދުކުރީ 10 އަހަރަށެވެ. އަދި ސެޕްޓެމްބަރު މަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އަދި ފަހުން ވަނީ އިސްތިއުނާފް މަރުހާލަގައި ވަކި ގޮތެއް ނިމެންދެން 10 އަހަރުގެ ޖަލު ހުކުމް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި ޑިސެމްބަރު މަހު ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނަވާޒް ޝަރީފްގެ ބޮޑު ވަޒީރުކަން 2017 ވަނަ އަހަރު ގެއްލުނީ ވެސް ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ނަވާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ބޮޑު ވަޒީރުކަމުން ނަވާޒް ޝަރީފް ފުރަތަމަ ދުރުކުރީ 1993 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވީ 1997 އަހަރު އެވެ. އެކަމަކު 1999 ވަނަ އަހަރު ގެނައި ބަޣާވާތެއްގައި އަނެއްކާވެސް ވެރިކަމުން ދުރުކުރި އެވެ. ގައުމުން ބޭރުގައި އެތައް އަހަރަކު އުޅުއްވުމަށް ފަހު ޕާކިސްތާނަށް ވަޑައިގެންނެވީ 2007 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު ވަނީ ތިން ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންފަ އެވެ.