26 މާޗް 2019 - 16:20

ކޮލަމްބޯ (މާޗް 26) - ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއްގެ މަސައްކަތް ސްރީ ލަންކާ އިން މި ހަފުތާގައި ފަށައިފި އެވެ.

ޗައިނާއާ ހަވާލުކުރި ހަމްބަންޓޯޓާ ބަނދަރު ހިމެނޭ ހަމްބަންޓޯޓާގައި ހަދާ ތެޔޮ ސާފު ކުރާ ކާރުޚާނާ އަކީ ލަންކާގެ ތާރީޚުގައި ވެސް އެއް ޕްރޮޖެކްޓަކަށް ހޭދަކުރާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ. ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ 3.85 ބިލިއަން ޑޮލަރުގެ ސަބަބުން ހަމްބަންޓާޓޯ ވެގެންދާނީ ދުނިޔޭގެ އިންވެސްޓްމަންޓް ހަބަކަށް ކަމަށެވެ. މި ޕްރޮޖެކްޓަށް ހޭދަކުރަނީ އޮމާން ސަރުކާރު އަދި ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ސިލްވާ ޕާކް އިންޓަނޭޝަނަލް އިންނެވެ. މި ކުންފުނީގެ ވެރިންނަކީ އިންޑިއާގެ އާއިލާއެކެވެ.
ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން 2017 ވަނަ އަހަރު ވަނީ ޗައިނާ އަށް 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ދީފަ އެވެ. އެއީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ލަންކާ އިން ނުކުޅެދުމުންނެވެ.
ލަންކާގައި ހަދާ ރިފައިނަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރު އެވެ. ތެޔޮ ސްޓޯރޭޖް ޓޭންކުތައް ދެ އަހަރުތެރޭ ނިންމާނެ އެވެ. ރިފައިނަރީ ނިމުމުން އަހަރަކު ނުވަ މިލިއަަން ޕެޓްރޯލިއަމް ޕްރޮޓަކްޓް އެކްސްޕޯޓް ކުރެވޭނެ އެވެ.
ލަންކާ އަކީ ތެޔޮ ނަގާ ގައުމެއް ނޫނެވެ. ލަންކާގައި މިހާރު ހުރި ރިފައިނަރީން ވެސް ޑިމާންޑާ އެއްވަރަށް ކްރޫޑް ތެޔޮ ސާފެއް ނުކުރެވެ އެވެ.