26 މާޗް 2019 - 13:03

ލަނޑާ ގިރާވަރު ރިސޯޓުގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދަން ފަށައިފި އެވެ.
މިއީ ރާއްޖޭގެ ރިސޯޓެއްގައި މިހާތަނަށް ގާއިމުކުރި އެންމެ ބޮޑު ސޯލާ ޕަވާ ސިސްޓަމެވެ. އެގޮތުން އެ ރިސޯޓުގެ ފުރާޅުތަކުގައި 3،102 ޕެނަލާއި 5،380 ސްޕޭން ވަނީ ހަރުކޮށްފަ އެވެ. އެގޮތުން ސްޓާފުން ދިރިއުޅޭ ސަރަހައްދު އެއްކޮށް ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ.
މި ސޯލާ ޕަވާ ސިސްޓަމާ އެކު ގަޑިއަކު 900،000 ކިލޯވޮޓާއި 1.1 މިލިއަން ކިލޯވޮޓާ ދެމެދުގެ މިންވަރަކަށް ހަކަތަ އުފެއްދޭނެ އެވެ. އަދި 250،000 އާއި 300،000 ލީޓަރުގެ ޑީސަލް ރައްކާކުރެވޭނެ އެވެ.
މި ސޯލާ ޕެނަލް ސިސްޓަމާ އެކު އަހަރަކު ލަނޑާ ގިރާވަރުގެ 103 ރޫމާއި ވިލާ އަށް ކަރަންޓް ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮލްފު ކާރު 82،000 ފަހަރު ޗާޖުކޮށްލެވޭނެ އެވެ.
ލަނޑާ ގިރާވަރު ހިންގާ ފޯ ސީޒަންސް ރިސޯޓްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމަންޑޯ ކްރީންޒްލިން ވިދާޅުވީ، ފޯ ސީޒަންސްގެ ބ. އަތޮޅު ރިސޯޓު ފުރަތަމަ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއާ ރިޒީވަކަށް ވެފައިވާ އިރު އެ ކުންފުނީގެ ރިސޯޓުތަކުން ތިމާވެށީގެ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރާ ކަމަށެވެ.
ލަންޑާ ގިރާވަރު ރިސޯޓު ހުޅުވާފައިވަނީ 2006 އަށެވެ. އެ ރިސޯޓުގައި ޕްލާސްޓިކް ބޭނުން ކުރުން ވަރަށް ބޮޑަށް މަދުކޮށްފައިވާއިރު ޕްލާސްޓިކް ހޮޅީގެ ބަދަލުގައި މިހާރު ބޭނުންކުރަނީ ކަރުދާސް ހޮޅި އެވެ. އަދި އެއް ފަހަރު ބޭނުންކޮށް އުކާލާ ފުޅީގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ފުޅީގައި ފެން ބޭނުންކުރަން ވަނީ ފަށައިފަ އެވެ.