ވަރަށް އުފާވެއްޖެ، ޓީމާ އެކު ކުރިއަށްދާން ހިތްވަރު ލިބިއްޖެ: ގައުމީ ކޯޗު
ވަރަށް އުފާވެއްޖެ، ޓީމާ އެކު ކުރިއަށްދާން ހިތްވަރު ލިބިއްޖެ: ގައުމީ ކޯޗު

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމުގެ މެދުގައި ކުޅުނު ހާއްސަ މެޗުގައި ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފަރާތުން އެއްބައިވަންތަކަން ފެނުމުން ވަރަށް އުފާވިކަމަށާއި ޓީމާ އެކު ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

ވަރަށް އުފާވެއްޖެ، ޓީމާ އެކު ކުރިއަށްދާން ހިތްވަރު ލިބިއްޖެ: ގައުމީ ކޯޗު
ވަރަށް އުފާވެއްޖެ، ޓީމާ އެކު ކުރިއަށްދާން ހިތްވަރު ލިބިއްޖެ: ގައުމީ ކޯޗު

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މައްޗަށް މިހާރުގެ ގައުމީ ޓީމުން ކުރިހޯދީ 1-0 އިންނެވެ. ސްޓެވާޓް ބުނީ މި މެޗުގެ ނަތީޖާއާ މެދު އޭނާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

"މިއީ ނަތީޖާ އަށް ބަލައިގެން ކުޅުނު މެޗެއް ނޫން. މިއީ ހުރިހާ ގޮތަކުން ވެސް 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ހާއްސަ މެޗެއް. ވަރަށް ފުރިހަމަ ސަޕޯޓަކާ އެކު ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީގެ އެއްބައިވަންތަކަން ފެނުމުން އަހަރެން ވަރަށް އުފާވެއްޖެ،" ގައުމީ ޓީމާ އެކު ނުކުތް ފުރަތަމަ މެޗަށް ފަހު ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ މި މެޗުގެ ސަބަބުން ޓީމަށް ގިނަ ގޮތްގިތުން ފައިދާކުރާނެ ކަމަށެވެ.

"ވަރަށް ރަނގަޅު މެޗެއް މިއީ. މިފަދަ މެޗެއް އިންތިޒާމް ކުރީތީ އަހަރެން އެފްއޭއެމް އަށް ޝުކުރު އަދާކުރަން. ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންނާއި މިހާރުގެ ކުޅުންތެރިން ބައްދަލުވެއްޖެ. މެޗުން ހާސިލްވި އެންމެ ބޮޑު ކަންތައް އެއީ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ތިބި ގިނަ ކުޅުންތެރިން އަދިވެސް ކުޅޭ. އަހަރެން އުފާކުރަން ކުޅުންތެރިންނަށް އަނިޔާއެއް ނުވެ މެޗު ނިމުނީތީ،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމު ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗަކީ ރަސްމީކޮށް ސްޓެވާޓް ގައުމީ ޓީމަށް އިރުޝާދުދޭނެ މެޗެވެ. ބަންގްލަދޭޝް މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.

"އަސްލު މަސައްކަތް މި ފެށެނީ ދެން. ހުރިހާ އަމާޒެއް ދެން އޮތީ ބަންގްލަދޭޝް މެޗަށް. އެ މެޗުން މޮޅުވާން ބޭނުން. ޓީމު އޮތީ ވަރަށް ތައްޔާރަށް. އަހަރެން މި އަންނަނީ ވަރަށް ދުރާލާ މި ކުޅުންތެރިންގެ ކުޅުން ބަލަމުން. ލީގުގައި މި ކުޅުންތެރިން ދެއްކި ކުޅުން ފެނިއްޖެ. މި މެޗުގައި ވެސް ފެނުނު. މި ވަގުތު ވެސް ވަރަށް ރަނގަޅު ފުރަތަމަ އެގާރައެއް ވިސްނުމުގައި އެބައޮތް،" ސްޓެވާޓް ބުންޏެވެ.

ރާއްޖެ އަކީ ސްޓެވާޓް ކޯޗުކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. ސްޓެވާޓް އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ.