27 މާޗް 2019 - 07:37

އަންނަ އަހަރު ރިލީޒްކުރާ ފިލްމު "ޝަމްޝޭރާ" ގައި ރަންބީރު ކަޕޫރް ފެންނާނީ ޑަބަލް ރޯލަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް "އަގްނީޕަތު" ގެ ރިމެކާއި "ބްރަދާޒް" ހަދައި ދިން ޑައިރެކްޓަރު ކަރަން މަލްއުތުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ހަދައިދޭ ފުރަތަމަ ފިލްމެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި އިނގިރޭސީންގެ ރަސްކަން އިންޑިއާގައި އޮތް ދުވަސްވަރު ޑާކޫންތަކެއް އަދާކުރި ދައުރު ދައްކުވައިދޭ "ޝަމްޝޭރާ" އަކީ ރަންބީީރު ވަރަށް ތަފާތު ގޮތަކަށް ޑަބަލް ރޯލަކުން ފެނިގެން ދާނެ ފިލްމެކެވެ. އޭނާ މިހާތަނަށް އަދި ފިލްމެއްގައި ޑަބަލް ރޯލެއް ނުކުޅެ އެވެ.
އަގުބޮޑު ބޮޑެތި ސެޓްތަކެއް ވެސް ހަދައިގެން ޝޫޓް ކުރަމުން އަންނަ "ޝަމްޝޭރާ" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ވާނީ ކަޕޫރް ވެސް ހިމެނެ އެވެ. މި ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ ރަންބީރުގެ ލޯބިވެރިޔާ އަދި ކުޅަދާނަ ބަތަލާ އާލިއާ ބަޓް ކުޅޭ އެސްއެސް ރާޖަމޯލީގެ ފިލްމު "އާރްއާރްއާރް" ތާވަލުކޮށްކޮށްފައި އޮތް ތާރީހުގެ އެއް ދުވަސް ފަހަށް ޖުލައި، 31، 2020 އަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ސަންޖޫ" އިން އެންމެ މޮޅު އެކްޓަރުގެ ފިލްމުފެއާ އެވޯޑް ވެސް ހޯދި ރަންބީރުގެ ކުރިއަށް އޮތް ފިލްމަކީ އާލިއާއެކު ފެނިގެންދާ ފެންޓަސީ ފިލްމު "ބުރައްމަސްތުރާ" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ 20 ގަ އެވެ.
ރަންބީރު ވަނީ އަޖޭ ދޭވްގަން ވެސް މުހިއްމު ރޯލެއް ކުޅޭ، ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.