ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އިތުރުފަރުވާ ދޭން ބޭރަށް ގެންގޮސްފި
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އިތުރުފަރުވާ ދޭން ބޭރަށް ގެންގޮސްފި

ތ. ތިމަރަފުށީގައި މި މަހު ކުރީކޮޅު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީއަށް އިތުރު ފަރުވާ ދޭން ރާއްޖޭން ބޭރަށް ގެންގޮސްފި އެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 52 އަހަރުގެ ޒުލޭޚާ އަކީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ. ގިޔާސް ވިދާޅުވީ ޒުލާހާއަށް އިތުރު ފަރުވާ ދޭން ސްރީ ލަންކާ އަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ޒުލޭހާ އަދިވެސް ހެއެއް ނާރަ އެވެ. އެ އެކްސިޑެންޓުގައި ޒުލާޚާގެ ސިކުނޑިއަށް ލޭ އެޅުމުން އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރި އެވެ. އޭގެ ފަހުން އެހެން އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށް ގިޔާސް ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި، ފަސް ކުދިންގެ މަންމަ ޒުލޭޚާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކަށިގަނޑު ބިނދި އަދި ތިން ދަތް ވެސް ވަނީ ބިނދިފަ އެވެ.

މި މަހު 12 ވަނަ ދުވަހު އެ އެކްސިޑެންޓު ހިނގީ އާއިލާގެ ބަޔަކު މާލެއިން ރަށަށް ދިއުމުން، އެ މީހުން ބަލާ ތިމަރަފުށީ އެއާޕޯޓަށް ޒުލޭޚާ ދިޔަ މަގުމަތީގަ އެވެ. އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭޚާ އާއި އޭނާގެ ފިރިމީހާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ޒުލޭހާގެ ގައިގައި ޖެހުނީ އެވެ.

ވޭން ދުއްވަން އިން މީހާގެ ލައިސަންސް، އެކްސިޑެންޓަށް ފަހު ވަނީ ވަގުތީގޮތުން ހިފަހައްޓައިފަ އެވެ. ނަމަވެސް އޭނާއަށް ދައުވާކުރަން އަދި ނިންމާފައި ނުވާ ކަމަށާއި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް އާދިއްތަ ދުވަހު އެތަނުން ބުންޏެވެ.