"ގެއްލުނީމާ" މި އަހަރު ފެނުން އެކަށީގެންވޭ: މުންކޮ
"ގެއްލުނީމާ" މި އަހަރު ފެނުން އެކަށީގެންވޭ: މުންކޮ

މުހައްމަދު މުންތަސިރު (މުންކޮ) ފީޗާ ފިލްމެއް ހަދަން ފެށި ހިސާބުން އެތައް ބަޔަކު ތިބީ އެއަށް އިންތޮޒާރުކޮށްގެންނެވެ. ކާމިޔާބު އަދި މޮޅު ތިއޭޓަ ޕްލޭތަކެއް ގެނެސް ދީފައިވާ މުންކޮ ފީޗާ ފިލްމަކާ އެކު ބޮޑު ސްކްރީނަށް އަންނަ އިރު، އެއީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމަކަށް ނުވާނެކަން ޔަގީނެވެ.

"ގެއްލުނީމާ" ގެ ނަމުގައި އޭނާ ހަދަން ފެށި މި ފިލްމް މިދިޔަ އަހަރު ތެރޭގައި އަޅުވަން ވެސް ކުރިން ޕްލޭން ކުރި އެވެ. ކުރިން ލަފާކުރި ވަރަށް ވުރެ އެއަށް އިތުރު ވަގުތު ނެގުމާއި މަސައްކަތް ބުރަވުމާއި އެހެން މަސައްކަތްތަކެއްގައި މުންކޮ ބިޒީވެގެން ފިލްމް ގެނެސް ނުދެވުނީ އެވެ.

އެކަމަކު ފިލްމަށް އިންތިޒާރުކުރާ މީހުންނަށް އޭނާ ދޭން އޮތީ އުފާވެރި ހަބަރެކެވެ. އެއީ "ގެއްލުނީމާ" މި އަހަރު ސްކްރީނުން އައުން އެކަށީގެންވާ ވާހަކަ އެވެ.

"ފިލްމް ހަމަ މި އަހަރު ފެނުމަކީ ވެސް ވެދާނެ ކަމެއް. އެކަމަކު ސީދާ ޑޭޓެއް ބުނަ އަދި ވަރަށް ދަތި،" ޝޫޓިން އެއްކޮށް ނިމި، ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމާ ބެހޭ ގޮތުން މުންކޮ ބުންޏެވެ.

ކާސްޓާއި ފިލްމުގެ ވާހަކަ ވެސް މިހާތަނަށް ސިއްރެއްގެ ގޮތުގައި އޮތް "ގެއްލުނީމާ" ދެ ޓީޒާއަކާއި އޭގެ ތީމް ލަވައިގެ އޯޑިއޯ ވެސް މިދިޔަ އަހަރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. ފިލްމުގެ ވާހަކައިގެ ބޮޑު ބަޔަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކެކެވެ.

"އަސްލު ފިލްމް ދިގުލައިގެން ދިޔަ އެއް ސަބަބަކީ އަހަރެން މުޅިން ފީޗާ ފިލްމަކަށް އާވީމަ، މިއަށް ކުރަން ޖެހޭ މަސައްކަތް ވަޒަން ނުކުރެވި އޮތީ. މަސައްކަތް ފެށީމަ އެނގިއްޖެ މިއީ ފުދޭ ވަރަކަށް ޓައިމް ނަގާ ކަމެއްކަން،" އޭނާ ބުންޏެވެ. "އެކަމަކު ދެން ފިލްމް ނިންމުމުގެ މަސައްކަތްތައް އެބަ ކުރިއަަށްދޭ."

"ގެއްލުނީމާ" އަށް އިންތިޒާރު ކުރާ މީހުން ނުގެއްލި ފިލްމް އިންތިޒާރުކޮށްލާށެވެ. ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި އަދި ފުރިހަމަ ފިލްމެއް ސްކްރީނަށް ގެންނަން މުންކޮ ނުގެއްލި އެބަ މަސައްކަތް ކުރެ އެވެ.