26 މާޗް 2019 - 11:01

އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު މާދަމާ ހަމަވާއިރު މިހާތަނަށް އެ ލިސްޓުގައި ސޮއިކުރީ 120 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިންތިޚާބުގައި ވާދަކުރާ 386 ކެންޑިޑޭޓުން، ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ. އަދި މާދަމާ އެ މުއްދަތު ހަމަވާއިރު، 266 ކެންޑިޑޭޓަކު އަދިވެސް ސޮއި ނުކުރާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މާދަމާ މެންދުރު 2:30ގެ ފަހުން އެ ފުރުސަތު ބަންދުވާނެ އެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީގެ 85 ކެންޑިޑޭޓުން ވާދަކުރާއިރު މިހާތަނަށް ލިސްޓުގައި ސޮއިކުރީ އޭގެ ތެރެއިން 35 މީހުން ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ 174 ކެންޑިޑޭޓުންގެ ތެރެއިން 47 މީހަކު ސޮއިކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީން ސޮއިކޮށްފައިވަނީ 41 ކެންޑިޑޭޓުންގެ ތެރެއިން 10 މީހުން ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ޕީޕީއެމާއި ޕީއެންސީގެ 32 ކެންޑިޑޭޓަކާއި އަދާލަތުގެ ފަހެއް އަދި ލޭބާ ޕާޓީ އާއި އެމްޓީޑީގެ އަށެއް އަދި ޑީއާރުޕީގެ ފަސް ކެންޑިޑޭޓުން އަދި ސޮއި ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އީސީން ވަނީ ކުރިން އާއްމުކޮށްފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ފެބްރުއަރީ 21 ގައި ހަމަވި އިރު 403 މީހަކު ފޯމު ލާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފަހުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.