27 މާޗް 2019 - 07:38

ބޮލީވުޑް އެކްޓަރު ސުނިލް ޝެޓީގެ ފިރިހެންދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފްވާ ފިލްމްގެ ބަތޮލާއަކަށް ސްޓޫޑެންޓް އޮފް ދި އިޔާ 2 ގެ ބަތޮލާ ތާރާ ސުތާރިއާ ހަމަޖެހިއްޖެ އެވެ.
ސާޖިދް ނާޑިއަވާލާ ޕްރޮޑިއުސްކުރާ މިފިލްމަކީ ޓެލުގޫ ރިމޭކްއެކެވެ. ވަކި ނަމެއް އަދި ހަމަޖެހިފައި ނުވާ މިފިލްމް، ޑައިރެކްޓް ކުރަނީ 2011 ވަނަ އަހަރު "ދަ ޑާޓީ ޕިކްޗާ" ޑައިރެކްޓް ކޮށްފައިވާ މިލާން ލުތްރިއާ އެވެ.
ސާޖިދް ނާޑިއާވާލާ އަދި ގްރޭންޑް ސަން އެންޓަރޕްރައިޒެސް އިން، މީގެ ދުވަސްކޮޅެއް ކުރިން ވަނީ އަހާން ފިލްމްގެ ބަތޮލަކަށް ހަމަޖެއްސިކަން އިޢުލާންކޮށްފަ އެވެ. އަހާން މިހާރު އުޅެނީ ފިލްމްގެ އެކްޝަން މަންޒަރުތަކަށް ތައްޔާރުވުމަށްޓަކައި ޓްރެއިނިންގަ އެވެ. ބަތޮލާއަކަށް ތާރާ ހަމަޖެހުމާއެކު ފިލްމް އުފައްދާ ޓީމުން ތިބީ މިހާރު ފަށަން ތައްޔާރުވެފަ އެވެ.
"އަހަރުމެންނަށް އަހަރުމެންގެ ލީޑިން ލޭޑީ ފެނިއްޖެ. އަހަރެން ބުނަން އޮތީ ތާރާއަކީ ވަރަށް ހުނަރުވެރި ބަތޮލާއެއްކަމުގައި. ތާރާ އާއި އަހާން އެއީ ވަރަށް ޝައުޤުވެރި ރޮމެންޓިކް ޖޯޑަކަށް ވާނެކަމުގައި އަހަންނަށް އިހްސާސް ކުރެވޭ. އަހަރުމެން ޝޫޓިން ފަށާނީ ޖޫން މަހު." ސާޖިދް ނަޑިއާވާލާ ހިއްސާކޮށްފައިވެ އެވެ.
މުޅިން އާ ޖޯޑަކަށްވެފައި ދެތަރިންނަކީ ވެސް އަލަށް ނިކުންނަ ދެފަރާތަށް ވާތީ ފިލްމު އުފައްދާ ޓީމުން ތިބީ މިދެ އެކްޓަރުންގެ އޮންސްކްރީން ޖޯޑާއިމެދު ވަރަށް ފޮނި އުންމީދެއްގަ އެވެ.
ފިލްމްގެ ޑައިރެކްޓަރު އިތުރަށް ހާމަކުރި ގޮތުގައި މިފިލްމަކީ ވަރަށް ހިތްދަމައިގަންނަ އަދި އޯޑިއެންސް ހައިރާންކޮށްލާފަދަ ލޯބީގެ ވާހަކައަކަށް ވާނެކަމުގަ އެވެ.