ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ ފިލްމު "ދަ ތަޝްކެންޓް ފައިލްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވިވެކް އަގްނިހޯތުރީ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ތުރިލާއަކީ ޑްރާމާއަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ލާލް ބަހޫދޫރު ޝާސްތުރީގެ މަރާ ގުޅޭ ގޮތުން އުފެދިފައިވާ އޮޅުންބޮޅުން ބޮޑު ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެވަނަ ޝަހުސިއްޔަތުގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޝާސްތުރީ އަވަހާރަވެފައި ވަނީ ޖެނުއަރީ، 11، 1966 ގަ އެވެ.

"ދަ ތަޝްކެންޓް ފައިލްސް" މައިގަނޑު ކާސްޓުންނަކީ މިތުން ޗަކްރަބަތީ، ނަސީރުއްދީން ޝާހް، މަންދިރާ ބޭދީ، ޕަންކަޖް ތުރިޕަތީ، ވިނޭ ޕަތަކު، ޝްވޭތާ ބާސޫ ޕްރަސާދު، ޕައްލަވީ ޖޯޝީ އަދި ރާޖޭޝް ޝަރުމާ އެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ވިވެކް ޑައިރެކްޓްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2016 ގެ "ޖުނޫނިޔަތު" އެވެ.

އަންނަ މަހުގެ ފަހުކޮޅު ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" ގެ ޓްރެއިލާ ގެނެސް ދޭނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ބުނެފައި ވަނިކޮށް، އެ ތާރީހު މިހާރު ކަށަވަރުވެއްޖެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާނީ އެޕްރީލް މަހުގެ 24 ގައި ކަން ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާ ބުނި ގޮތުގައި އެ ތާރީހުގައި "ބާރަތު" ގެ ޓްރެއިލާ ދައްކައިލުމަށް ފަހު، އަންނަ މަހުގެ 26 ގައި އިންޑިއާގައި ވެސް ޕްރިމިއާ ކުރާ ހޮލީވުޑްގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ސިނަމާތަކުގައި ދައްކާ އިރު، ސަލްމާންގެ ފިލްމުގެ ޓްރެއިލާ ސިނަމާތަކުގައި ދައްކަމުން ދާނެ އެވެ.

ޖޫން 5 ގައި ރިލީޒް ކުރާ "ބާރަތު" ގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ.

އިންޑިިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ތަރިންގެ ތެރެއިން މެޑަމް ޓްސޯޑްސް އިން ތައްޔާރު ކުރި ދެވަނަ ވެކްސް ސްޓެޗޫ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫގެ ސިފައިގައި ދައްކާލައިފި އެވެ.

ހައިދަރުއާބާދުގައި ބޭއްވި ހަފުލާއެއްގައި އޭނާގެ ސްޓެޗޫ ދައްކައިލި އިރު، މަހޭޝްއާ އެކު އަންހެނުން އަދި ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދަރު ކަރް އާއި ދެ ކުދިން ވެސް ބައިވެރިވި އެވެ. އެ ހަފުލާގައި އެ މީހުން ވަނީ ސްޓެޗޫއާ އެކު ސެލްފީ ވެސް ނަގައިފަ އެވެ. މަހޭޝް، 45، ގެ ސްޓެޗޫ ހުރީ ކަޅު ކުލައިގެ ސޫޓެއްގައި، ދަތްދޮޅީގައި އަތް ޖައްސާލައިގެންނެވެ.

މި ސްޓެޗޫ ހައިދަރުއާބާދުގައި ދައްކައިލުމަށް ފަހު ބަހައްޓަން ހަމަޖެހިފައި ވަނީ މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފީގަ އެވެ. އޭތި ތައްޔާރު ވެސް ކުރީ އެތަނުންނެވެ.

ދެހާސް ސަތާރައިގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ހަދަން ނިންމާފައިވާ އިރު، ފިލްމުގެ ނަމަކީ "އިންގްލިޝް މީޑިއަމް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މި ފަހަރު ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެމެރިކާ އަށް ކަމަށްވާތީ އެއަށް ދީފައިވާ ނަމަކީ "އިންގްލިޝް މީޑިއަމް" އެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓަކީ މި ފަހަރު އިނގިރޭސި މީޑީއަމަށް ކިޔަވައިދޭ ސްކޫލަކަށް ދަރިވަރަކު ފައްތަން އުޅުމުން ދިމާވާ ކަންތައްތައްކެކެވެ.

"ހިންދީ މީޑިއަމް" ގެ ސީކްއެލް އިން އިރުފާން ހާން ނުފެންނާނެ ކަމަށް ދާފި ފަހުން މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޑައިރެކްޓަރު ޓިގްމަންޝޫ ދޫލިއާ ބުނި ގޮތުގައި ނާދިރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އިރްފާން އެންމެ އަވަހަށް ކުޅޭނެ ފިލްމަކީ "ހިންދީ މިޑިއަމް" ގެ ސީކްއެލް އެވެ.

މި ފަހަރު ފިލްމު ޑައިރެކްޓް ކުރާނީ "ކޮކްޓެއިލް" ގެނެސް ދިން ހޯމީ އަދަޖާނިއާ އެވެ. އަދި ފިލްމުގެ ބަތަލާއަލީ ރާދިކާ މަދަން ކަމަށްވެ އެވެ.