ޗައިނާ އާއި އިޓަލީން ފުޓްބޯޅައިގެ ގުޅުން ގާއިމްކޮށްފި
ޗައިނާ އާއި އިޓަލީން ފުޓްބޯޅައިގެ ގުޅުން ގާއިމްކޮށްފި

ރޯމް (މާޗް 26) – އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޗައިނާ ސަރުކާރާ އެކު، ދެ ގައުމުގެ މެދުގައި ފުޓްބޯޅައިގެ ގުޅުންތައް އުފައްދައި ކުރިއަރުވަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އިޓަލީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޕްރޮގްރާމުގެ ތެރެއިން ރޯމްގައި އާދީއްތަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ޗައިނާގައި ފުޓްބޯޅަ ކުރިއެރުވުމާއި އިޓަލީ ފުޓްބޯޅަ ޗައިނާގައި ފެތުރުން ހިމެނެ އެވެ. މީގެ އިތުރުން ކުޅުންތެރިންނާއި ކޯޗުން ބަދަލުކުރުމާއި މާކެޓިން އާއި ޓްރެއިނިން އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

'މިއީ ތާރީހީ ބައްދަލުވުމެއް. މުހިއްމު އެތައް ކަމެއް ހިމެނޭ،" އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލް ގްރަވީނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިޓާލިއަން ލީގުގެ މެޗެއް ނޫނީ އިޓާލިއަން ސުޕަ ކަޕް ނުވަތަ އިޓާލިއަން ކަޕުގެ މެޗެއް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޗައިނާގެ ކުޅުން ހިމެނެ އެވެ.

އިޓާލިއަން ސުޕަ ކަޕް މެޗު މީގެ ކުރިން 2009، 2011، 2012 އަދި 2015 ގައި ޗައިނާގައި ވަނީ ކުޅެފަ އެވެ. ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ ކޯޗަކީ ވެސް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ އެވެ. އޭގެ ކުރިން ކޯޗުކޮށްދިނީ އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު މާސެލޯ ލިއްޕީ އެވެ.

ދާދި ފަހުން ޗައިނާގެ އިންވެސްޓަރަކު އިޓަލީގެ ގަދަބާރު އޭސީ މިލާން ގަނެ އިންވެސްޓްކުރި އެވެ. އެކަމަކު އެ މަސައްކަތް ފެއިލްވެ މިހާރު އެ ކްލަބް ހިންގަނީ އެމެރިކާގެ އެލިއޮޓް ގްރޫޕުންނެވެ.

ޗައިނާ އިން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި އެ ގައުމުގެ ލީގަށް މަޝްހޫރު ކުޅުންތެރިން ގެނެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު ހުނަރުވެރި ޓީމެއް އުފެއްދުމުގައި އަދި އޮތީ ފަހަރުގަ އެވެ. އެ ޓީމަށް އަދިވެސް އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކުގެ ސަފުން ޖާގައެއް ނުލިބެ އެވެ.