ސަލާގެ އަގު ދޭން ކާޑިފުން ދެކޮޅު ހަދަނީ
ސަލާގެ އަގު ދޭން ކާޑިފުން ދެކޮޅު ހަދަނީ

ކާޑިފް، ވޭލްސް (މާޗް 26) - ޕްރައިވެޓް ޖެޓެއް ވެއްޓި މަރުވި ފްރާންސްގެ ނޯންޓްސް އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ރަސްމީކޮށް ކާޑިފަށް ބަދަލުވެފައިނުވާ ކަމަށް ބުނެ އޭނާގެ ޓްރާންސްފާ ފީ ދައްކަން އެ ކްލަބުން ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލާގެ އަގު ދޭން ކާޑިފުން ދެކޮޅު ހަދަނީ
ސަލާގެ އަގު ދޭން ކާޑިފުން ދެކޮޅު ހަދަނީ

ސަލާ ދަތުރުކުރަމުން ދިޔަ ބޯޓް ގެއްލުނީ އޭނާ ކާޑިފާ ގުޅެން ޖެނުއަރީ 21 ވަަނަ ދުވަހުގެރޭ ކުރި ދަތުރުގެ ތެރެއިންނެވެ. ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށެވެ.

ސަލާ ގަންނަން ކާޑިފުން ދައްކަން އެއްބަސްވި އަގުދޭން އެ ކްލަބުން ދެކޮޅު ހަދާތީ ނޯންޓްސް އިން ވަނީ އެ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ. ފީފާ އިން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކާޑިފަށް މުހުލަތު ދީފަ އެވެ.

ކާޑިފުން ސަލާގެ ސޮއި ހޯދާފައިވާކަން އިއުލާންކުރީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން ސަލާ މަރުވި ހާދިސާ ހިނގިއިރު، ސަލާ އަށް ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ކާޑިފުން ހަމަޖައްސަނުދޭތީ ނޯންޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކާޑިފުން ބުނީ އެ ކްލަބުން ސަލާގެ ދަތުރު ފަތުރު ހަމަޖައްސައިނުދިނީ ސަލާ އެކަމަށް ނޭދޭތީ ކަމަށާއި ދަތުރުގެ ކަންތައްތައް ސަލާ ހަމަޖެއްސީ އޭނާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކާ ގުޅިގެން ކަމަށެވެ. ސަލާ ދަތުރުކުރި އެއް އިންޖީނުލީ ޖެޓަކީ ކޮމާޝިއަލް ލައިސަންސް ލިބިފައިވާ ޖެޓެއް ނޫން ކަމަށާއި އެ ދަތުުރު ކުރުމަށް ހުއްދަ ހޯދާފައިވަނީ އަމިއްލަ ދަތުރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ކަމަށް މިހާތަނަށް ތަހުގީގުތަކަށް ވަނީ އެނގިފަ އެވެ. އެ ބޯޓު ވެއްޓުނުއިރު ދުއްވަން އިން ޕައިލެޓް ޑޭވިޑް އައިބޮޓްސަން އަދިވެސް ނުފެނެ އެވެ.

ނޯންޓްސް އިން ކާޑިފްގެ މައްސަލަ ފީފާ އަށް ހުށަހެޅީ ފެބްރުއަރީ މަހު 20 ގެ ކުރިން ދޭން އޮތް ފުރަތަމަ ޕޭމަންޓް ހަމަޖައްސައިނުދިނުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ކާޑިފުން މިހާރު ފީފާ އަށް މި މައްސަލައިގައި ޖަވާބުދާރީވާން ތައްޔާރުވެފައިވާއިރު ތިން ކަމެއް ހުށަހަޅާނެ އެވެ. އެއީ ފްރާންސް ލީގުން ޖެނުއަރީ 22 ގެ ކުރިންނާއި ފަހުން ވެސް ކާޑިފަށް ސަލާގެ މައުލޫމާތު ފޯރުކޮށްދީފައިނުވުމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް އަށް ނޯންޓްސް އިން ލިއެކިއުންތައް ފޮނުވާފައިނުވުމުގެ އިތުރުން ޖެނުއަރީ 25 ކުރިން ފްރެންޗް ލީގުން ސަލާގެ ޓްރާންސްފާގެ ކަންތައްތައް ނޯންޓްސް މެދުވެރިކޮށް ހަމަޖައްސާފައިނުވާ ކަމެވެ.

މީގެ އިތުރުން ކާޑިފުން ބުނީ ސަލާ ގެންނަން ވެވުނު އެއްބަސްވުމުގައި އެ ޓްރާންސްފާ އެއްކޮށް ނުހިނގައިފިނަމަ ޖެނުއަރީ 31 ގެ ކުރިން ދެ ކްލަބަށް ވެސް އެހެން ކުޅުންތެރިއަކު ހޯދުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ހިމަނާފައިވާނެ ކަމަށެވެ.

ސަލާގެ ޓްރާންސްފާ އަކީ އިންޓަނޭޝަނަލް ޓްރާންސްފާ އަކަށްވާތީ އޭގެ ކަންތައްތައް ކުރިއަށްގެންދަން ޖެހެނީ ފީފާގެ މެންޑޭޓަރީ ސިސްޓަމެއްގެ ތެރެއިންނެވެ. އެގޮތުން ފީފާ އަށް ހުށަހަޅަން ޖެހޭ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓްގެ ކަންތައްތައް ވަނީ ނޯންޓްސް އިން ފުރިހަމަކޮށްފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގާއި ވޭލްސް ފުޓްބޯލްް އެސޯސިއޭޝަންގެ ބައެއް ރެޖިސްޓްރޭޝަންތައް ހުރީ ފުރިހަމަނުވެ އެވެ. ސަލާގެ އަގުދޭން ކާޑިފުން ދެކޮޅު ހަދާ ސަބަބަކީ މި އެވެ.

ކާޑިފުން އިނގިރޭސި މީޑިއާ އަށް ބުނީ ފީފާ އަށް އަންނަ މަހު ތިން ވަނަ ދުވަހު މައުލޫމާތު ދިނުމަށް ފަހު މީޑިއާ އަށް ކާޑިފްގެ ޖަވާބު ހިއްސާކުރާނެ ކަމަށެވެ.