ޕޯޗުގަލަށް ޕޮއިންޓެއް، ރޮނާލްޑޯ އަށް އަނިޔާ
ޕޯޗުގަލަށް ޕޮއިންޓެއް، ރޮނާލްޑޯ އަށް އަނިޔާ

ލިޒްބަން (މާޗް 26) – ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ދެ ވަނަ މެޗުގައި ރޭ ސާބިއާއާ 1-1 އިން އެއްވަރުވިއިރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަލަމަސްގަނޑަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހުމުން އޭނާގެ ކްލަބް ޔުވެންޓަސް އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބަދަލު ކުރި ކުޅުންތެރިޔާ މެޗަށް ފަހު ބުނީ ދެ ހަފުތާގެ ތެރޭގައި އޭނާ ފިޓްވާނެ ކަމަށެވެ. އެހެންވެއްޖެ ނަމަ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އަޔަކްސްއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ އެވެ. އެކަމަކު އިޓާލިއަން ލީގުގައި އެމްޕޮލީ، ކަލިއާރީ އަދި އޭސީ މިލާނާ ދެކޮޅަށް ނުކުޅެވިދާނެ އެވެ.

'އަހަންނަށް އަހަރެންގެ ހަށިގަނޑު އެނގޭ. އަހަރެން ގަބޫލުކުރެވޭ ދެ ހަފުތާ އަށް ވުރެ އަވަހަށް އަހަރެން ފިޓްވާނެ،" ރޮނާލްޑޯ ބުންޏެވެ. "މި އަނިޔާއާ މެދު އަހަރެން ހާހެއް ނުވޭ."

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި ރޮނާލްޑޯ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ވެސް، ޔޫރޯ ކޮލިފައިންގައި މިދިޔަ ހަފުތާގައި ޔޫކްރޭނާ 0-0 އިން އެއްވަރުވީ އެވެ. އެ ޓީމު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއްގައި ސްކޮޓްލެންޑް އަތުން 3-1 އިން މޮޅުވި ފަހުން އަދި މޮޅެއް ނުލިބެ އެވެ.

ލިޒްބަންގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ސާބިއާގެ ޑުސާން ޓަޑިޗް ވަނީ ޕެނަލްޓީއަކުން ލީޑު ނަގައިފަ އެވެ. ޕޯޗުގަލަށް އެއްވަރުކޮށްދިނީ 42 ވަނަ މިނެޓުގައި ޑަނީލޯ ޕެރެއިރާ އެވެ.

ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ޕޯޗުގަލް އޮތީ ޔޫރޯ ކޮލިފައިންގެ ގްރޫޕް ބީ ގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ޔޫކްރޭން އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ލަގްޒަމްބާގެވެ. ފަސް ޓީމު ހިމެނޭ މި ގްރޫޕުން ކޮލިފައިވާނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.