30 އޯގަސްޓް 2016 - 00:29

އެއީ ހަމަ އެ ޓީމެވެ. އެ ކުޅުންތެރިންނެވެ. އެ ކޯޗެވެ. އެ ޖާޒީ ބަޔެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ މިހާރުގެ ގައުމީ ޓީމުގެ އަތުން މިރޭ 1-0 އިން ބަލިވި ނަމަވެސް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ކުޅެލައި، ފުޓްބޯޅައިގެ ރަން، އުފާވެރި ހަނދާންތަކެއްގެ ތެރެއަށް ދިވެހިން އަލުން ގެންގޮސްދީފި އެވެ.

ހަޔެއްހާސް މީހުން ކުޅި ބަލަން ވަން މެޗުގައި، 2008 ގައި ފެނުނު ވަރުގަދަ ސަޕޯޓުގެ ހަނދާންތައް ގެނެސްދިނީ ހދ. ކުޅުދުއްފުށީ ސަޕޯޓަރުންނެވެ. މިރޭގެ މެޗަށް ހާއްސަކޮށް، އެފްއޭއެމްގެ ދައުވަތަށް މާލެ އައި ކުޅުދުއްފުށީ ސަޕޯޓަރުންނާއި މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ވަނީ ރަތްހެދުމުގައި، ފުރިހަމަ ތަރުހީބެއް ދީފަ އެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުޅުނު ހާއްސަ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނީ އެ ފަހަރުގެ ވެސް ފުރަތަމަ އެގާރަ އެވެ. މިހާރުގެ ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ކުޅުނީ އެ ޓީމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި މިހާރުގެ ޓީމުން ވަނީ މުޅި މެޗު ކޮންޓްރޯލް ނަގައިގެން ކުޅެފަ އެވެ. ކުރީގެ އެއް ވަނަ ރެފްރީ އަދި މިހާރުގެ މަޖިލިސް މެމްބަރު ރިޔާޒް ރަޝީދު އިންސާފުކުރި މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ނުވަ ވަނަ މިނެޓުގައި އިމްރާން ނަޝީދުގެ ފަރާތުންނެވެ. އަލީ ފާސިރު (ސެންޓޭ) އާއި އިސްމާއިލް އީސާ އުފެއްދި ހަމަލައެއްގައި އިމްރާނަށް ލިބުނު ބޯޅަ އޭނާ ވައްގާލީ ގޯލުގެ ކަނަށެވެ.
ތިރީސް ފަސް މިނެޓުގެ ދެ ހާފަށް ކުޅުނު މި މެޗުގައި ކުރީކޮޅު އަސަދުﷲ އާއި ނާއިޒް ހަސަން (ދާދު) ވަނީ ކުރީގެ ގަދަ ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދު ބެލެހެއްޓި ޑިފެންސް ލައިނުން ދެމި ގަނެ ނުރައްކާކޮށްފަ އެވެ. އަސަދުﷲ ފޮނުވާލި ބޯޅައެއް އެއް ފަހަރު ގޯލް ދަނޑީގައި ޖެހުނެވެ.
ސާފް ޗެމްޕިއަންޝިޕް ޓީމުގެ މެދުތެރެ އިބްރާހިމް ފަޒީލް (އޮއްޕޮ) ބެލެހެއްޓި އިރު އޭނާ ވަނީ ކުރީގެ މޮޅު ކުޅުން ބައެއް ވަގުތުތަކުގައި ދައްކާލައިފަ އެވެ. ފުރަތަމަ ހާފުގައި ހަޅޭކުގެ އަޑު އެންމެ ގަދަވީ ފައިނަލުގައި ލަނޑު ޖެހި މުހުތާރު ނަސީރު (ޓޫކިލޯ) އަށް ބޯޅަ ލިބުމުންނެވެ. އެކަމަކު އޭނާ ނެގި ހުރަހަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ފުންމައިގެން އެރި ނަމަވެސް އެ ބޯޅަ މިހާރުގެ ޓީމުގެ ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ އަތުލައިފަ އެވެ. އޭގެ ފަހުން ދަގަނޑޭ އަށް ޓޫކިލޯ ރީތި ބޯޅައެއް ދިން އިރު ދަގަނޑޭ އެ ބޯޅަ ޖެހުމުން ކީޕަރު ސަލާމަތްކުރި އެވެ. މި ހާފުގައި ދަގަނޑޭގެ ހަމަލައެއްގައި ކެޕްޓަން އައްސަދު އަބްދުލްގަނީ ވެސް އޭރިއާ ތެރެއަށް ރަނގަޅު ހުރަހެއް ކުރި އެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް، މިހާރު ވެސް ކުޅޭ ކުޅުންތެރިން ކަމަށްވާ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު އުމެއިރާއި އަކްރަމް އަބްދުލްގަނީ ދެ ވަނަ ހާފުގައި އެރުމާ އެކު އެ ޓީމުގެ ކުޅުން ހަލުވި އެވެ.
މި މެޗުގެ މެހެމާނެއްގެ ގޮތުން ރާއްޖެ އައި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ދެ ވަނަ ހާފުގައި ކުޅެން ނުކުތުމާ އެކު ހޫނު ތަރުހީބެއް ލިބުނެވެ. އޭނާ އަރައި، ޑިފެންސުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެއް ފަހަރު އޭނާ މޮޅު އުކުޅަކާ އެކު ބޯޅައެއް ދަމައިގަތެވެ. އަދި އެޓޭކަށް އެރި ވަގުތު ކުރިއަށް ޖެހި އެޓޭކުގައި ބައިވެރިވި އެވެ. އެގޮތުން އަރިމަތިން އިސްމާއިލް މުހައްމަދު (އިއްސެ) ނެގި ނެގި ހުރަހެއް އޭރިއާ ތެރެއިން ގޯލާ ދިމާލަށް އޭނާ ޖެހި ނަމަވެސް އެ ބޯޅަ ކީޕަރު ވަނީ ސަލާމަތްކޮށްފަ އެވެ.
މެޗުގެ ފަހުކޮޅު ސާފް ޗެމްޕިއަންޝިޕް ޓީމުން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. ދަގަނޑޭ ޖައްސާލި ބޯޅައަށް ބޮންޑާ ކުރިއަށް އަރައި ގޯލާ ދިމާލަށް ޖެހި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މުޅި މެޗުގެ ވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ މިހާރުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އަހުމަދު ރިޒްވާން (ރިޒޭ) އަށެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޖަމީލް ވަނީ ގޯލް ރޮނގު މަތިން ދިފާއުކޮށްފަ އެވެ.
މި މެޗުގައި ކުރީގެ ޓީމުގެ ބެންޗުގައި ތިބީ އޭރުގެ އޮފިޝަލުންނެވެ. ކޯޗަކަށް ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ހުރިއިރު މެނޭޖަރުގެ މަގާމް އަދާކުރީ އޭރުގެ މެނޭޖަރު މުހައްމަދު ހާނިމެވެ. ހާފު ވަގުތު، ކުޅުންތެރިން ވަނީ ޔަންކޭ އުފުލާލައި، އޭނާ ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ ހަނދާންތައް އާކޮށްފަ އެވެ. އަދި އެފްއޭއެމުން ވެސް އޭނާ އަށް ހާއްސަ ފިލައެއް ދިނެވެ.