25 މާޗް 2019 - 14:59

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ވަކިކުރި މަޖިލިސް މެމްބަރުންގެ ބަދަލުގައި އެ ތިން މަގާމަށް ހަމަޖެއްސި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އަށް މިއަދު ކޮންގްރެސް އިން ރުހުން ދީފި އެވެ.
މި ތިން މެމްބަރުންނާ އެކު އެފްއޭއެމްގެ އެކްސްކޯގައި ތިއްބަވާނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އެއީ ރައީސް ބައްސާމް އަދީލް ޖަލީލާއި ދެ ނައިބް ރައީސުން ކަމަށްވާ އަހުމަދު ޝަކީބާއި އައިޝަތު ނާޒިމާ އަދި މުހައްމަދު އަލީ އާއި މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ޝިފާއު އެވެ. މީގެ ތެރެއިން މުހައްމަދު އަލީ އާއި މުއާޒަކީ ވެސް މަޖިލިސް މެމްބަރުންނެވެ.
މި ތިން މެމްބަރުންނަށް ރުހުން ދިނީ ކޮންގްރެސްގައި ބައިވެރިވި 13 ކްލަބުގެ ތެރެއިން ވިކްޓްރީ ފިޔަވައި އަނެއް 12 ކްލަބުންނެވެ. އެއީ މާޒިޔާ، އީގަލްސް، ވެލެންސިއާ، ދަ ގްރާންޑޭ، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް، ބީޖީ ސްޕޯޓްސް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު އަދި ކްލަބް ސީލޭންޑެވެ.
މި ތިން މެމްބަރުންނަށް ކޮންގްރެސް އިން ރުހުން ދިން އިރު، އެ މެމްބަރުން އެގްޒެކެޓިވް ކޮމިޓީ އަށް އެންމެ ފުރަތަމަ އައްޔަންކުރި ގޮތާ މެދު ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. އިނގިރޭސި ބަހުން އޮތް އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި، މަގާމެއް ނުވަތަ 50 ޕަސެންޓާ ހަމަޔަށް މަގާމްތައް ހުސްވެއްޖެ ނަމަ، ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، ކޮމިޓީން އެ މަގާމްތައް ފުރަން ޖެހޭނެ ކަމަށެވެ. އޭގެ މާނައަކީ މިހާރު ތިއްބެވި މެމްބަރުންގެ އަދަދުން ކޯރަމް ހަމަކޮށް ކުރިއަށް ގެންދިއުމެވެ.
އެކަމަކު ދިވެހި ތަރުޖަމާގައި ބުނަނީ ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، މި މަގާމަށް މީހަކު ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި ދެބަހުން ލިޔެފައިވާ އެއް ލިޔުމެއްގެ މާނަ ފުށުއަރައިފި ހިނދެއްގައި އިސްކަންދެވޭނީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމަށެވެ.
މި ތިން ޖާގަ އެކްސްކޯގައި އެންމެ ފުރަތަމަ ފުރީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ. އެ ތިން މެމްބަރުން ޖުލައި 2017 ގައި ވަކިކުރީ ވިދިވިދިގެން ހަ ބައްދަލުވުމަށް ހާޒިރުވެފައިވެފައިނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އޭގެ ތެރެއިން އަބުޅޯ އޭރު ވިދާޅުވީ މަގާމުން ވަކިކުރިކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކްސްކޯ ޖަލްސާއަށް ހާޒިރުނުވާން ނޯޓިސްއެއް ވެސް ފޮނުވާނުވާ ކަމަށެވެ. އޭރު އެ ތިން މެމްބަރުން ވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ސޮއިކުރައްވައި ސިޔާސީ ގޮތުން "ހޫނުފެނުގަ" އެވެ.
އޭގެ ތެރެއިން އެއް މަގާމަށް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އައްޔަންކުރި އެވެ. އެކަމަކު ކޮންގްރެސް އިން ފާސްކުރުމުގެ ކުރިން، އޭނާ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމުން ރަސްމީކޮށް މަގާމާ ހަވާލުވެވޭ ގޮތް ނުވި އެވެ.
އަލަށް އައްޔަންކޮށް މިއަދު ކޮންގްރެސް އިން ރުހުން ދިން މެމްބަރުންގެ ތެރެއިން ޝާފިއު އަކީ އެންމެ ފަހުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ބައްސާމާ ވާދަކުރެއްވި އަހުމަދު ތޯރިގް (ޓޮމް) ގެ ޓީމުގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ހުށަހެޅި ކެންޑިޑޭޓެވެ. އަދި މުފާ ނިސްބަތްވާ އީގަލްސް އަކީ ވެސް އޭރު ޓޮމް އަށް ތާއީދުކުރި ކްލަބެކެވެ.
ޝާފިއު އަކީ ރާއްޖޭގާއި އެންމެ ހަރުދަނާކޮށް ހިންގާ ފުޓްބޯޅަ ކްލަބުގެ ގޮތުގައި މާޒިޔާ އޮތް އޮތުމުގެ މުހިއްމު ހިއްސާދާރެކެވެ. މުފާ އަކީ އީގަލްސް ހިންގުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކެކެވެ. އެގޮތުން އެ ކްލަބުގައި ޒުވާން ސްކޮޑެއް އެކުލަވާލައި ރާއްޖޭގެ ވަރުގަދަ ޓީމަކަށް ހެދުމުގައި އޭނާގެ ދައުރު ބޮޑެވެ.
ހާނިމް ވަނީ ކުޅިވަރުގެ އިދާރީ އިސް މަގާމްތަކެއް ފުރުއްވައިފަ އެވެ. ފުޓްބޯޅައިގައި އޭނާގެ އެންމެ ބޮޑު އުސް އައްޔަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މެނޭޖަރުކަންކުރުމާއި 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި ނިއު ރޭޑިއަންޓުގެ މެނޭޖަރުކަންކުރުމެވެ.