އެފްއޭއެމުން 90 މިލިއަން ރުފިޔާ ބަޖެޓެއް ފާސްކޮށްފި
އެފްއޭއެމުން 90 މިލިއަން ރުފިޔާ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓަށް 90.4 މިލިއަން ރުފިޔާ މިއަދު ކޮންގްރެސް އިން ފާސްކޮށްފި އެވެ.

މި އަހަރު އެ އެސޯސިއޭޝަނުން ހަރަދުކުރަން ހަމަޖައްސާފައިވަނީ 94.9 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 4.5 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

މި ބަޖެޓަށް ސްޕޮންސާޝިޕުގެ ގޮތުގައި 43.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފީފާ އިން 31.2 މިލިއަން ރުފިޔާ، އޭއެފްސީން 10.8 މިލިއަން ރުފިޔާ، ސްޕޯޓްސް މިނިސްޓްރީން 1.8 މިލިއަން ރުފިޔާ އަދި ޓިކެޓް ވިއްކައިގެން 405،000 ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެ އެވެ.

ހަރަދުތަކަށް ބަލާއިރު ޑިވެލޮޕްމަންޓަށް 30 މިލިއަން ރުފިޔާ، ޕްރޮޖެކްޓްތަކަށް 14.9 މިލިއަން ރުފިޔާ، އިދާރީ ކަންކަމަށް 13.2 މިލިއަން ރުފިޔާ، ޓެކްނިކަލް ޑިވެލޮޕްމަންޓަށް 5.9 މިލިއަން ރުފިޔާ، މުބާރާތްތަކަށް 9.2 މިލިއަން ރުފިޔާ އަދި ގައުމީ ޓީމަށް 8.4 މިލިއަން ރުފިޔާ ޖަހާފައިވެ އެވެ.

މި ބަޖެޓަށް ކޮންގްރެސް އަށް ހާޒިރުވި 13 ކްލަބުގެ ތެރެއިން 12 ކްލަބަކުން ތާއީދުކުރި އެވެ. ވޯޓް ނުދެނީ ވިކްޓްރީންނެވެ. އެ ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވަނީ ބަޖެޓާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލުތައް ކުރައްވައިފަ އެވެ.

އެގޮތުން ސްޕޮންސާޝިޕުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 43.2 މިލިއަން ރުފިޔާ އަކީ ކޮން ބަޔަކު ދޭ ފައިސާއެއްތޯ އާއި އަދި ޑިވެލޮޕްމަންޓަށް ހަރަދުކުރާ 30 މިލިއަން ރުފިޔާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް އެއްސެވި އެވެ.

ބައްސާމް ވިދާޅުވީ ސްޕޮންސާޝިޕް ފައިސާ އަކީ ކްލަބްތަކަށް މާލީ އެހީތެރިކަން ދޭން ހޯދާ ފައިސާއެއް ކަމަށާއި އެ ފައިސާ ދޭ ފަރާތްތަކުގެ ނަންތައް، ސިޓީއަކުން އެދިއްޖެ ނަމަ ހާމަކުރާނެ ކަމަށެވެ. އެކަމަކު ނާޝިދު ވިދާޅުވީ އެ ފައިސާ އަންނަ ގޮތެއް ނޭގި ބަޖެޓަށް ވޯޓްދޭން ދަތި ކަމަށާއި އަދި ޑިވެލޮޕްމަންޓަށް ހޭދަކުރާ 30 މިލިއަން ރުފިޔާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް ވެސް އެނގެން ބޭނުންވާ ކަމަށެވެ.

އެ 30 މިލިއަން ރުފިޔާ އަކީ ކްލަބްތަކަށް އެފްއޭއެމުން ދޭ މާލީ އެހީ އެވެ. މިދިޔަ ދެ އަހަރު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯސީ) ގެ ދަށުން އެ ފައިސާ ސަރުކާރުން ދިން ނަމަވެސް، މި ސަރުކާރުން އެ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ނެތުމުން އެފްއޭއެމުން ސްޕޮންސަރުންގެ އަތުން ހޯދީ އެވެ. ބައްސާމް ވިދާޅުވީ އެ ފައިސާ އަކީ ކްލަބްތަކުން ހަމައެކަނި ކުޅުންތެރިންނަށް މުސާރަ ދޭން، ދޭ އެހީއެއް ނޫން ކަމަށާއި އެއީ ކްލަބްތައް މެދުވެރިކޮށް ފުޓްބޯޅަ ޑިވެލޮޕްކުރަން ދޭ ފައިސާއެއް ކަމަށެވެ. އެގޮތުން އެކަޑަމީއެއް ހިންގުމާއި ޔޫތު ޓީމުތައް އޮތުމާއި އަދި އިދާރީ އޮފީހެއް ހިންގުން ފަދަ ކަންކަން ކްލަބްތަކުން ކުރަން ޖެހޭނެ ކަމާއި އެ ފައިސާ އަކީ އެ ހުރިހާ ކަމަކަށްދޭ ފައިސާއެއް ކަމަށެވެ.

ނާޝިދުގެ އަނެއް ކަންބޮޑުވުމަކީ އިދާރީ ކަންކަމަށް 13.2 މިލިއަން ރުފިޔާ ހޭދަކުރާއިރު، އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ 3.7 މިލިއަން ރުފިޔާ އޮތުމެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އިދާރީ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރާ ކަމަށާއި އިދާރީ ހަރަދުތައް ބޮޑުވީ އެހެންވެ ކަމަށެވެ. އެކަމަކު އަންހެން ފުޓްބޯޅައިގެ މުބާރާތެއް މި އަހަރު ފަށައި، މިދިޔަ އަހަރުގެ ކާމިޔާބު މަސައްކަތް ދަމަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

ޓިކެޓް ވިއްކައިގެން އެވަރުގެ އާމްދަނީއެއް ލިބޭނެ މަގަކީ ކޮބައިތޯ ނާޝިދު ސުވާލުކުރެއްވުމުން ބައްސާމް ވިދާޅުވީ މި އަހަރުން ފެށިގެން ޕްރިމިއާ ލީގުގެ ޓިކެޓް ވިއްކުން ކްލަބްތަކާ ހަވާލުކުރާނެ ކަމަށާއި އެގޮތުން ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދެއް ކަމަށެވެ.

އެސްއޯސީ ފައިސާ މި ސަރުކާރުން ވެސް ދޭނެ ކަމަށް ފުރަތަމަ ބުނެފައިވެ އެވެ. އެކަމަކު އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކްލަބްތަކަށް ވެސް އަދި އެފްއޭއެމް އަށް ވެސް މިނިސްޓްރީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެތޯ ނުވަތަ ނޫންތޯއާ މެދު މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ސަބަބަކީ ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލެރަންސް ކަމަށްވެފައި، ސަރުކާރުން ދޫކުރި ފައިސާ އަށް ވީގޮތް ނޭގި އަލުން ފައިސާ ދޭން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.