ލޫކަސްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި
ލޫކަސްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރި ޝައްމޫންގެ ބަންދުގެ މުއްދަތު ކުރިން ވެސް ދެ ފަހަރަށް އިތުރު ކުރިއިރު އެއިން ކޮންމެ ފަހަރަކު ވެސް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދިނެވެ.

އެންމެ ފަހުން ދިން މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ގެންދިއުމުން މިފަހަރު ވެސް ކޯޓުން އަމުރުކުރީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޝައްމޫން 15 ދުވަހަށް ބަންދު ކުރުމަށެވެ. އެގޮތަށް އަމުރުކުރީ އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވެދާނެ ކަމަށް ބަލާފައި ކަމަށް ވަނީ އެނގިފަ އެވެ.

ޝައްމޫންގެ ބަންދަށް އެންމެ ފުރަތަމަ އިތުރުކޮށްދިން މުއްދަތަށް ހައި ކޯޓުން ކުރިން ވަނީ ތާއީދުކޮށްފަ އެވެ.