25 މާޗް 2019 - 09:10

ބާސެލޯނާ، ސްޕެއިން (މާޗް 25) - ސްޕެއިނުން ވަކިވެ ވަކި ގައުމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާގެ ފުޓްބޯޅަ ޓީމު ވެނެޒުއޭލާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ސްޕެއިނުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޒަވީ ހެނާންޑޭޒަށް ވެސް ނުކުޅެވޭނެ ކަމަށް އޭނާ ބުނެފި އެވެ.
ޒަވީ އަށް ނުކުޅެވޭކަން އޭނާ އިއުލާނުކުރީ އިއްޔެ އޭނާ ކުޅެމުން އަންނަ ގަތަރުގެ ކްލަބް އަލް ސާދާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ޒަވީ ބުނީ މި ވަގުތު ކްލަބްގެ ހާލަތު ހުރި ގޮތުން އެ މެޗަށް އޭނާ ރިލީޒްކުރަން އަލް ސާދުން ބޭނުންނުވާ ކަމަށެވެ.
"ވަރަށް ހިތާމައާ އެކު އަހަރެން ބުނެލަން އޮތީ ވެނެޒުއޭލާއާ އެކު ކުޅެން ހަމަޖެހިފައި އޮތް މެޗުގައި އަހަރެންނަށް ނުކުޅެވޭނެ. އެއީ މި ވަގުތު އަހަރެން ކުޅެމުން އަަންނަ ސާދުގެ މެނޭޖްމަންޓުން އަހަރެން ރިލީޒްކުރަން ބޭނުންނުވާތީ،" އިންސްޓަގްރާމްގައި ޒަވީ ކުރި ޕޯސްޓެއްގައިވެ އެވެ.
އުމުރުން 39 އަހަރުގެ ޒަވީ ބުނީ ކުރިއަށް އޮތްތާގައި ކެޓަލޯނިއާގެ މެޗަކުން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެން މި ކްލަބަށް (އަލްސާދަށް) ދީފައި އޮތް ޔަގީންކަމެއް ކްލަބް އިސްކުރާނެކަން. ކެޓަލޯނިއާގެ ކުރިއަށް އޮތް މެޗުތަކުގައި އަހަރެން ފެންނާނެ. ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޓަލޯނިއާގެ އެންމެ ބޮޑު އެއް ސަޕޯޓަރު ފެންނާނީ ގަތަރުން." ޒަވީ ބުންޏެވެ.
ކެޓަލޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ ވެނެޒުއޭލާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ޒަވީ އަށް ރަމްޒީ އެވޯޑެއް ހަވާލުކުރާށެވެ. އެކަމަކު އޭނާ އަށް މި މެޗު ކުޅެވެން ނެތުމުން އެކަން އެހެން މެޗަކަށް ފަސްކުރަން ވަނީ ނިންމައިފަ އެވެ.
"އަލް ސާދު މި ވަގުތު އަންނަނީ ސީޒަނުގެ އެންމެ މުހިއްމު މެޗުތައް ކުޅެމުން ކަމަށްވާތީ އަހަރެމެން ވެސް ބޭނުންވަނީ ޒަވީ އަށް އެންމެ ފަސޭހަ ގޮތަކަށް ކުރިއަށްދާން. ޒަވީ އަކީ ކެޓަލޯނިއާ ފުޓްބޯޅައިގެ ހާއްސަ ޝަހުސިއްޔަތެއް،" ކެޓަލޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ވެނެޒުއޭލާ މެޗަށް ނެގި ކެޓަލޯނިއާ ސްކޮޑުގައި ހިމެނޭ ހަ ކުޅުންތެރިއަކު ދޫކުރަން ސްޕެނިޝް ލީގުގެ ތިން ކްލަބެއް ކަމަށްވާ ހުއެސްކާ، ރެއާލް ވަލޮޑޮލިޑް އަދި ރަޔޯ ވަޔެކާނޯ ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ކްލަބްތަކުން ބުނީ އެ ގޮތަށް އެކަން ކުރަން ނިންމީ ސީޒަނުގައި ކުރިއަށް ހުރި މެޗުތަކަށް ވިސްނުމަށް ފަހު ކަމަށެވެ.
ކެޓަލޯނިއާ ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ދާދި ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކެޓަލޯނިއާ ޓީމަށް ޕީކޭ ކުޅުނަސް އެ އެސޯސިއޭޝަނުގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ކެޓަލޯނިއާ އިން އަންނަނީ 1997 އަށް ފަހު އެކި ފެންވަރުގެ ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެމުންނެވެ. އޭގެ ތެރޭގައި ބްރެޒިލް އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ. އަންނަ ހޯމަ ދުވަހު ވެނެޒުއޭލާއާ ދެކޮޅަށް ކުޅެން ރޭވި މެޗަކީ ފީފާ ތާރީހެއްގައި ކެޓަލޯނިއާ އިން ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗެވެ.