ޖަޔަލަލީތާގެ ފިލްމުން ކަންގަނާ ރަނާވަތަށް 24 ކްރޯޑް ރުޕީސް
ޖަޔަލަލީތާގެ ފިލްމުން ކަންގަނާ ރަނާވަތަށް 24 ކްރޯޑް ރުޕީސް

އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" އަށް ބަތަލާ ކަންގަނާ ރަނާވަތު ސޮއިކުރީ 24 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާއަކީ މިހާރު ވެސް ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ބަތަލާ އެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި 2016 އިން ފެށިގެން، ކަންގަނާ ފިލްމު ކުޅެދޭ އަގު 11 ކްރޯޑަށް ވުރެ ދަށެއް ނުކުރެ އެވެ.

"ތަލައިވީ" އަކީ ފިލްމަކުން އޭނާ އަށް ލިބޭ ބޮޑު ފީ ކަމަށާއި އެ އަގުގައި މިހާތަނަށް ބޮލީވުޑްގެ އެއްވެސް ބަތަލާއެކު ފިލްމެއް ކުޅެފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. އެހެންވެ މި ރިކޯޑް ފީއާ އެކު ކަންގަނާވެގެން ދާނީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ބަތަލާއަށެވެ.

ބޮލީވުޑަކީ އަބަދުވެސް ބަތަލާއިންނަށް ކުޑަ އާމްދަނީއެއް ލިބިފައި، ބަތަލުންނަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވޭ އިންޑަސްޓްރީއެކެވެ.

ނަމަވެސް ކަންގަނާ އާއި ދީޕިކާ ޕަދްކޯނާއި ޕްރިޔަންކާ ޗޯޕްޅާ އާއި ވިދިޔާ ބާލަން އާއި އާލިއާ ބަޓް ފަދަ ހުނުވެރި ބަތަލާއިން މިކަމާ ދެކޮޅަށް ކުރާ ވަކާލާތާ އެކު، ބޮލީވުޑްގައި މިފަހަކަށް އައިސް ބަތަލާއިން އަންނަނީ ފަރަގު ނައްތައިލަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަށް ފަހު ކަންގަނާ ދެން ފެންނާނީ މެއި 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ.

ކަންގަނާ، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، ޓަމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރަކަށް އަދާ ކުރެއްވި އަދި "އައްމާ" ގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާ ވަނީ 2016 ގައި އަވަހާރަވެފަ އެވެ.