ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުން: ނައިބު ރައީސް
ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުން: ނައިބު ރައީސް

ގައުމު ތަރައްގީކުރުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތްކުރުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި "އުރީދޫ ސްމާޓް ކެމްޕަސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުން އެއްވެސް ބަޔަކު ބާކީވެގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ ހުނަރުތަކެއް ދަސްވެ، މުޖުތަމައަށް އަވަހަށް ނިކުމެ އާއިލާއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އެ ކެމްޕަހަކީ ވެސް މުޖުތަމައަށް ފައިދާ ކުރަނިވިވި ބަޔަކަށް އެންމެން ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ވިދާޅުވި އެވެ.

"އުރީދޫ ސްމާޓް ކެމްޕަސް" އަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް އާއި އުރީދޫ ގުޅިގެން ގާއިމުކޮށްފައިވާ ޑިޖިޓަލް ކްލާސްރޫމެކެވެ. ގައިދީން ރިހިބިލިޓޭޓް ކުރުމަށް މިތަނުގައި ފަންނުވެރި އެކި ކޯސްތަކާއި ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގައިދީން މުޖުތަމައަށް ނެރެ، ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދިނުމަށް އެކި ކަހަލަ ވޮކޭޝަނަލް މަސައްކަތް ދަސްކޮށްދިނުމަށް ވެސް މި ސްމާޓް ކެމްޕަސް ބޭނުން ކުރާނެ އެވެ.