ވަޒީފާ ބަދަލުކުރި ފެނަކަ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 377،000ރ. ދޭން ޖެހިއްޖެ
ވަޒީފާ ބަދަލުކުރި ފެނަކަ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 377،000ރ. ދޭން ޖެހިއްޖެ

މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގައި މަސައްކަތް ކުރަނިކޮށް، ސ. ހުޅުމީދޫ ބްރާންޗަށް ބަދަލުކުރި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 377،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ވަޒީފާ ބަދަލުކުރުމުން މުހައްމަދު ޝިޔާމް މިދިޔަ އަހަރުގެ އޮގަސްޓް 28 ގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ހުޅުމީދޫއަށް ދާން ޓިކެޓު ހަމަޖައްސާފައި ނުވާތީ އާއި އައުޓްސްޓޭޝަން އެލަވަންސާއި ކޮއްތު ފައިސާ އަދި އެކޮމޮޑޭޝަން އެލަވަންސް ދީފައިނުވާތީ އެކަމުގެ ބަދަލު ހޯދުމަށެވެ.

ޖޫން 15، 2014 އިން ފެށިގެން ފެނަކަ ހެޑް އޮފީހުގައި މަސައްކަތް ކުރަނިކޮށް ހުޅުމީދޫ ބްރާންޗަށް ދާއިމީކޮށް ޝިޔާމް ބަދަލުކުރީ މާޗް 16، 2017 ގަ އެވެ. ނަމަވެސް ފަހުން، މިިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް، އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެެއިން ޖަލްސާއެއްގައި ވާހަކަ ދައްކައިގެން އޭނާ ވަނީ މިިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފަ އެވެ.

ޓްރައިބިއުނަލުން ކުރި ހުކުމުގައި ވަނީ އައުޓް ސްޓޭޝަން އެލަވަންސްގެ ގޮތުގައި 54،600ރ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 2،18،400ރ. އާއި ފުޑް އެލަވަންސްއަށް 103،440ރ. އަދި އެއާ ޓިކެޓުގެ ގޮތުގައި 1،332ރ. އާއެކު ޖުމްލަ 377،772ރ. 20 ދުވަހުގެ ތެރޭގައި ދިނުމަށް އަމުރުކޮށްފަ އެވެ.

".....ޖުމްލަ 3،77،772ރ. މިއަދު، 24 މާޗު 2019 އިން ފެށިގެން 20 ދުވަހުގެ ތެރޭގައި މި މައްސަލަ ހުށަހެޅި މުހައްމަދު ޝިޔާމަށް އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ ފަސް ދުވަހުގެ ތެރޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ،"

އެ މައްސަލައަށް ޖަވާބު ދެމުން ފެނަކައިން ބުނީ އެ އިނާޔަތްތައް ދޭން ހަމަޖައްސާފައިވަނީ ވަގުތީގޮތުން ބަދަލުކުރާ މުވައްޒަފުންނަށް ކަމަށެވެ. އެހެންތަނަކަށް ވަޒީފާ ބަދަލުކުރެވޭނީ ވަކި މުއްދަތަކަށް ކަމާއި އެއްވެސް މުއްދަތެއް ނާންގައި، ވަޒީފާއަދާކުރާތަން ދާއިމީގޮތަކަށް ބަދަލުނުކުރެވޭނެކަން އެނގެން އޮންނާތީ، ޝިޔާމް ހުޅުމީދޫ ބްރާންޗަށް ބަދަލުކުރީ ދާއިމީގޮތެއްގައި ނޫންކަމަށް ބަލަންޖެހޭ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކައިގެ އެކި ރަށްރަށުގައި މަސައްކަތްކުރި މީހުން، އެހެން ރަށްރަށަށް ބަދަލުކުރި މައްސަލަ ވަރަށް ބޮޑަށް ފެންމަތިވި އެވެ. އެމީހުންނަށް ހައްގު ހޯދައިދޭނެކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.