24 މާޗް 2019 - 14:20

މޯލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑައުބްލިއުއެސްސީ)ގައި މަސައްކަތް ކުރާ އެންމެ ދުވަސްވީ މުވައްޒަފު މުހައްމަދު ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގައި ހިތާމަފާޅުކުރަން ފަށައިފި އެވެ.
އެމްޑައުބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި މުހައްމަދު ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ ދިދަ ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރާނެ އެވެ.
އޭނާ މަސައްކަތް ކުރީ ކަސްޓަމާ ސާވިސް މެނޭޖަރުގެ ގޮތުގަ އެވެ. ޝާފިއު އެ ކުންފުންޏާ ގުޅުނީ 1995 ވަނަ އަހަރު އެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ޝާފިއު އަކީ އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި ދިވެހި މުވައްޒަފެވެ.
އޭނާ ނިޔާވީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ތ. އަތޮޅުގެ ރިސޯޓަކަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ނިޔާވީ ރޭ ފަތިހު އެވެ.