ރެޝްފޯޑް އިންގްލެންޑާ އެކު ވެސް ވިދާލައިފި
ރެޝްފޯޑް އިންގްލެންޑާ އެކު ވެސް ވިދާލައިފި

ލަންޑަން (މޭ 28) - މެންޗެސްޓާ ޔުނައިޓެޑްގެ އުއްމީދީ ފޯވާޑް މާކަސް ރެޝްފޯޑް އިންގްލެންޑަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ އެ ޓީމު 2-1 އިން އޮސްޓްރޭލިއާ އަތުން މޮޅުވެއްޖެ އެވެ.

ރެޝްފޯޑް އިންގްލެންޑާ އެކު ވެސް ވިދާލައިފި
ރެޝްފޯޑް އިންގްލެންޑާ އެކު ވެސް ވިދާލައިފި

އަންނަ މަހު ފަށާ ޔޫރޯ އަށް ތައްޔާރުވުމަށް ކުޅުނު ރޭގެ މެޗު ފެށިގެން 138 ސިކުންތު ތެރޭގައި ރެޝްފޯޑް ވަނީ ލަނޑު ޖަހައި އިންގްލެންޑަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑާ އެކު ރެޝްފޯޑް ވެފައިވަނީ ގައުމީ ޓީމަށް އެންމެ ޒުވާން އުމުރުގައި ކުޅުނު ފުރަތަމަ މެޗުން ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ރެޝްފޯޑް ލަނޑު ޖެހިިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 208 ދުވަހެވެ.

އިންގްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފްގައި ކެޕްޓަން ވޭން ރޫނީ އެވެ. އޮސްޓްރޭލިއާ އިން މި މެޗުގައި ޖެހި ލަނޑަކީ އިންގްލެންޑްގެ އެރިކް ޑަޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ޔޫތު ޓީމުގައި ދަށްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެން ހާލް ރެޝްފޯޑަށް ފުރުސަތު ދިނެވެ. އޭނާ ވަނީ ޓީމުން ޖާގަދިން ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައިފަ އެވެ. ރެޝްފޯޑް ވަނީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޔޫރޮޕާ ލީގުގައި މިޓްޔައެލަންޑް ކޮޅަށް ލަނޑު ޖަހައިފަ އެވެ. އަދި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް ކޮޅަށް ދެ ލަނޑު ކާމިޔާބު ކުރި އެވެ.

ރޭގެ މެޗަށް ފަހު ހޮޖްސަން ބުނީ އިނގިރޭސި ޓީމުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ރެޝްފޯޑަށް ޖާގައެއް ހައްގުވާ ކަމަށެވެ.

"ރެޝްފޯޑްގެ މޮޅު ކުޅުން ފެނިފައި އަހަރެން ހައިރާނެއް ނުވޭ. އެއީ ޔުނައިޓެޑްގައި އޭނާ ދެއްކި ކުޅުމުން އޭނާ އަށް އޮތް އިތުބާރުވަނީ ބޮޑުވެފައި. ދެން އޮތީ އޭނާ ޔޫރޯ އަށް ގެންދިއުމާ މެދު ގޮތެއް ނިންމުން. ޔޫރޯ އަށް ޓީމު ނެގުން މިހާރު ވަރަށް އުނދަގޫވެއްޖެ. އެއީ އެއް ފެންވަރު ކުޅުންތެރިން ގިނައީ،" ހޮޖްސަން ބުންޏެވެ.

ޔޫރޯ އަށްދާ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރަން ޖެހެނީ މި މަހު 31 ވަނަ ދުވަހުގެ ކުރިންނެވެ. ސްކޮޑު ފައިނަލް ކުރުމަށް ފަހު މުބާރާތަށް ތައްޔާރުވުމަށް އިންގްލެންޑް ކުޅޭ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ޔޫރޯގައި އިންގްލެންޑް އޮތީ ރަޝިއާ އާއި ވޭލްސް އަދި ސްލޮވާކިއާއާ އެކު ގްރޫޕް ބީގަ އެވެ.