26 މާޗް 2019 - 07:08

ނެޝަނަލް އެވޯޑްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހައްގުވާ ވަރުގެ މަސައްކަތެއް އެ ފިލްމަށް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ރޯލާ ނުބައްދަލު ރޯލެއް ކުޅުނު ބަތަލާއަކަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބިއްޖެ ނަމަ އެކަމާ ސުވާލު އުފައްދާނެ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
އާދީއްތަ ދުވަހު އޭނާގެ 32 ވަނަ އުފަން ދުވަސް ފާހަގަކުރަން މީޑިއާތަކާ އެކު ބޭއްވި އިވެންޓްގައި ކަންގަނާ ބުނީ "މަނިކަރްނުކާ" ގައި އޭނާ ކުޅުނު ލަކްޝްމީބާއީގެ ރޯލަކީ މޮޅު އެކްޓިންއެއް ދެއްކުނު ފިލްމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެ ރޯލަކީ ނެޝަނަލް އެވޯޑް ހައްގުވާ ވަރުގެ ރޯލެއް ކަމަށް ބުންޏެވެ.
"އެހެން ނޫން ކަމަށް ވަންޏާ އެވޯޑް ކްރެޑިބިލިޓީއާ ދޭތެރޭ އަހަރެން ސުވާލު އުފައްދާނަން،" މިހާތަނަށް ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި މި އަހަރުގެ ނެޝަނަލް އެވޯޑްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ބޮލީވުޑުން ދެން އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ފިލްމު "އަންދާދުން" ގައި ތައްބޫ ކުޅުނު ނެގަޓިވް ކެރެކްޓާ އެވެ.
"އެއީ ތައްބޫގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި އެ ރޯލަކީ ވަރަށް ވެސް މޮޅަށް އަދި ވަރަށް ގިނަ ދުވަސްތަކަކަށް ބެލުންތެރިން ހަނދާނުގައި ހުންނާނެ ފެންވަރަށް ތައްބޫ ކުޅެފައިވާ ކެރެކްޓާއެއް،" ކަންގަނާ ބުންޏެވެ. "އެ ރޯލުން އޭނާ އަށް އެވޯޑް ލިބިއްޖެ ނަމަ އެކަމަކާ އެއްވެސް ސުވާލެއް ނޯންނާނެ. އެކަމަކު އަހަންނަށް ގަބޫލު ކުރެވޭ ވަރުގެ އެކްޓިންއެއް ދެއްކިފައި ނުވާ ބަތަލާއަކަށް ނެޝަނަލް އެވޯޑް ލިބިއްޖެ ނަމަ އޭގެ އިންސާފުވެރިކަމާ ދޭތެރޭ ސުވާލު އުފައްދާނަން."
މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "މަނިކަރްނިކާ" އަކީ ކަންގަނާ ޑައިރެކްޝަނުގައި ވެސް ހިއްސާވި ފިލްމެކެވެ. ގާތްގަނޑަކަށް 125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 152 ކްރޯޑްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ކަންގަނާ ދެން އެންމެ އަވަހަށް ފެންނާނީ މެއި 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޕަންގާ" ޖަޔަލަލީތާގެ ބައޯޕިކް "ތަލައިވީ" އަދި އަމިއްލަ ބައޮޕިކް ވެސް ހިމެނެ އެވެ.
މި އަހަރު ބާއްވާ 66 ވަނަ ނެޝަނަލް ފިލްމު އެވޯޑްސް ހަފުލާ އޮންނާނީ މެއި 3 ގަ އެވެ. އޭގެ ކުރިން އެވޯޑްތައް ލިބޭ ފަންނާނުންގެ ނަންތައް ދުރާލައި އިއުލާން ކުރާނެ އެވެ.