މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!
މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިގެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ފާސްކުރަން ހުށަހެޅި ކަންކަން، މާދަމާ ބާއްވާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އެކަންކަން ހިމެނޭނެ ކަމުގެ ޔަގީންކަން ފީފާ އިން ދީފައިވާ ކަމަށް ބުނެ އެކަން ހިމަނައިދިނުމަށް ވިކްޓްރީން އަނެއްކާ ވެސް އެދިއްޖެ އެވެ.

މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!
މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!

އޯޑިނަރީ ކޮންގްރެސް އަކީ ކޮންމެ އަހަރަކު ވެސް މެމްބަރު ކްލަބްތައް އެއްވެ، އެގްޒެކެޓިވް ކޮމިޓީން އެޖެންޑާކުރާ ކަންކަމާ މެދު ގޮތެއް ނިންމަން ބާއްވާ ބައްދަލުވުމެވެ. އޭގެ ބަދަލުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ ވަކި އަދަދަކަށް ކްލަބްތަކުން އެދިއްޖެ ހިނދެއްގައި އެސޯސިއޭޝަނަށް ބާއްވަން މަޖުބޫރު ބައްދަލުވުމެކެވެ. އެ ކޮންގްރެސްގެ އެޖެންޑާ ނިންމާނީ ވެސް ހުށަހެޅި ކްލަބްތަކުންނެވެ.

ވިކްޓްރީ އިސްވެ އޮވެ 12 ކްލަބެއްގެ ސޮޔާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހެޅީ އެ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަށާއި އަސާސީ ގަވާއިދު އިސްލާހުކޮށް އަލުން އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަށެވެ.

ވިކްޓްރީން އެދުނު ގޮތަށް، މުއްދަތުގައި އެފްއޭއެމުން މި ފަހަރު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިނުދިނުމުން ކްލަބްތަކުން އަމިއްލަ އަށް އެ ކޮންގްރެސް ބާއްވަން މަސައްކަތްކުރި އެވެ. އެކަމަކު ފަހު ވަގުތު ފީފާ އާއި އޭއެފްސީގެ މަންދޫބުންތަކެއް އައިސް ކްލަބްތަކާ ވާހަކަދެއްކުމަށް ފަހު އެންގީ ތިން ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން ޖެހޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އެކަމަކު އޭގެ ތެރެއިން ހަތަރު ކްލަބެއް ނަން އަނބުރާ ނެގުމުން، އެ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ފީފާ އިން އެންގީ އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭނެ ތަނެއް ނެތް ކަމަށެވެ.

އެއާ އެކު ވިކްޓްރީ އަށް މިވަގުތު އޮތް ހަމައެކަނި ގޮތަކީ މާދަމާ ބާއްވާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި އެކަންކަން ހިމަނައި ފާސްކުރެވޭތޯ ބެލުމެވެ. އެކަމަކު އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ކްލަބްތަކުން ހިމަނަން ބޭނުންވާ ކަންކަން 35 ދުވަސް ކުރިން ހުށަހަޅަން ޖެހޭއިރު، އެފްއޭއެމުން މިއަދު ބުނީ އެ މުއްދަތުގައި އެއްވެސް ކްލަބަކުން ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ވިކްޓްރީން ބުނަނީ ކޮންގްރެސް އޮންނާނެ ދުވަހަކާއި ތަނެއް 45 ދުވަސް ކުރިން ކްލަބްތަކަށް އަންގަން އެފްއޭއެމަށް އަސާސީ ގަވާއިދު ލާޒިމްކުރި ނަމަވެސް އެކަންކޮށްފައިނުވާ ކަމަށާއި އެކަމަކު ވިކްޓްރީން އެޖެންޑާގައި ހިމަނަން ބޭނުންވާ ކަންކަން ކޮންގްރެސްގެ 35 ދުވަސް ކުރިން، ފެބްރުއަރީ 10 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށެވެ. އެ ކްލަބުން އެ އިޝާރާތްކުރީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން ހުށަހެޅި ހުށަހެޅުމަށެވެ.

އެކަމަކު އެއީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހެޅި ހުށަހެޅުމަކަށްވާތީ، އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި އެކަންކަން ހިމެނުނު ގާނޫނީ ހަމައެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު ވިކްޓްރީން ދައްކާ ސަބަބަކީ އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ހުށަހެޅުމަށް ގާނޫނީ އަދަދު ހަމަނުވި ނަމަވެސް އެކަން ނާކާމިޔާބުކޮށްލެވިފައި ނެތުމާއި އަދި އެކަންކަން އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާނެ ކަމުގެ ޔަގީންކަން ފީފާގެ މަންދޫބު ދީފައި އޮތުމެވެ.

ވިކްޓްރީން ބުނީ ކޮންގްރެސްގައި އޮތީ 22 ވޯޓުގެ ހައްގު ކަމަށާއި އޭގެ ތެރެއިން 17 ވޯޓް (މެޖޯރިޓީ އަދަދު) ވިކްޓްރީގެ އަތުގައި އޮއްވާ، ތިން ކްލަބަކުން ނަން އަނބުރާ ގެންދިއުމުން އެ އަދަދު ތިރިވީ 11 އަށް ކަމަށެވެ. އެއީ ކޮންގްރެސްގައި އޮތް ވޯޓުގެ ހައްގުގެ ބަރާބަރު ދެބައިކުޅަ އެއްބަޔެވެ. އަސާސީ ގަވާއިދު ބުނަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދުމުގެ ގާނޫނީ އަދަދަކީ ދެބައިކުޅަ އެއްބަޔާއި އިތުރު އެއް ވޯޓެވެ. އެހެންވެ، ކޮންގްރެސްގެ ސީދާގެ ދެބައިކުޅަ އެއްބައިގައި ތާއީދު އަދިވެސް ވިކްޓްރީ އަށް އޮތުމާއި އަދި ނަން އަނބުރާ ގެންދިޔަ ހަތަރު ވަނަ ކްލަބުގެ ނަން އެފްއޭއެމުން ވެސް ފީފާ އިން ވެސް ހާމަކޮށްފައިނުވާތީ، ވިކްޓްރީ އަށް އެކަމުގައި ނާކާމިޔާބުވި ކަމަށް އެ ކްލަބުން ގަބޫލެއް ނުކުރެ އެވެ.

އަދި އެކަންކަން އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނަން އެފްއޭއެމުން ގަބޫލުވާނެ ކަމުގެ ޔަގީންކަން، އެ މައްސަލަތައް ބަލަން ރާއްޖެ އައި ފީފާގެ މަންދޫބު އެލެކްސެންޑާ ގްރޮސް ދީފައިވާތީ ވިކްޓްރީން ނިންމައިގެން މާދަމާގެ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާފައި އޮންނާނެ ކަމަށެވެ. އެކަމަކު މި މަހުގެ 14 ވަނަ ދުވަހު ފޮނުވި އެޖެންޑާގައި އެކަންކަން ހިމަނާފައި ނެތެވެ.

"އެހެންކަމުން، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އާއި ރައީސް މަގާމުން ދުރުކުރުމަށް އަހަރެމެން ހުށަހެޅި ހުށަހެޅުން ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭނެކަން ކަށަވަރުކޮށްދޭން އެދެމެވެ،" ވިކްޓްރީން ހުކުރު ދުވަހު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު "މިހާރަ"ށް ވިދާޅުވީ ކޮންގްރެސްގައި ކްލަބްތަކުން ހިމަނަން ބޭނުންވާ ކަންކަން 35 ދުވަހުގެ ކުރިން އަންގަން ޖެހޭ ކަމަށާއި އެއްވެސް ކްލަބަކުން އެފަދަ ކަމެއް ހުށަހަޅާފައި ނެތުމުން، އެފަދަ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މާދަމާގެ އޯޑިނަރީ ކޮންގްރެސްގައި އޮންނާނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފާސްކުރުމާއި ބަޖެޓް ފާސްކުރުން ފަދަ އާއްމު ކަންކަމެވެ.

ވިކްޓްރީން ހުށަހަޅާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން މަގާމުން ދުރުކުރުމަށް ވޯޓެއް ނެގުމުގެ އިތުރުން އަސާސީ ގަވާއިދު މުރާޖައާކުރުމަށާއި އާ އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަށް ވޯޓަކަށް އެހުމަށެވެ.