އަންނަ އަހަރަށް ތާވަލްކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް މި އަހަރު ގެނެސް ދެނީ
އަންނަ އަހަރަށް ތާވަލްކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް މި އަހަރު ގެނެސް ދެނީ

ދާދި ފަހުން އިއުލާންކޮށް، ޝޫޓިން ވެސް ފެށި ކުރީގެ ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް އަންނަ އަހަރު ގެނެސް ދޭން ނިންމުމަށް ފަހު، އެ ފިލްމު މި އަހަރަށް އަވަސްކޮށްފި އެވެ.

ޓީ ސީރީޒުން ގެނެސްދޭން ހުރި ފިލްމުތަކެއްގެ ތާރީހުތަކަކަށް ގެނައި ބަދަލާ އެކު، މުދައްސަރު އަޒީޒް ޑައިރެކްޓް ކުރާ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 6 ގަ އެވެ.

ކުރިން ފިލްމު ރިލީޒްކުރަން އޮތީ ޖެނުއަރީ، 10، 2020 ގަ އެވެ. ނަމަވެސް އެ ތާރީހު މިހާރު އަޖޭ ދޭވްގަން މި އަހަރުގެ ނޮވެމްބަރުގެ 22 ގައި ގެނެސް ދޭން ނިންމި "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަށް ދިނުމަށް ފަހު، އެ ތާރީހު ވަނީ މިހާރު އަނީސް ބަޒްމީގެ "ޕާގަލްޕަންތީ" އަށް ދީފަ އެވެ.

"ޕާގަލްޕަންތީ" ކުރިން ރިލީޒް ކުރަން އޮތީ ޑިސެމްބަރު 6 ގަ އެވެ.

ތާރީހުތަކަށް މި ގެނައި ބަދަލުތަކާ އެކު "ޕަތީ ޕަތުނީ އޯރް ވޯ" ބޮކްސް އޮފީހުގައި ދެން ކުރިމަތިލާން ޖެހޭނީ އަޝުތޯޝް ގޮވަރިކާ، އަރުޖުން ކަޕޫރާއި ކްރިތީ ސެނަން އާއި ސަންޖޭ ދަތާއި ޕަދުމިނީ ކޯލަޕޫރީއާ އެކު ގެނެސްދޭ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" އާ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ތަރިންނަކީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރާއި މެއި 10 ގައި ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ އަދި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ކައިވެނިން ބޭރުން ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އޮރިޖިނަލް ފިލްމުގައި ސަންޖީވް ކަޕޫރް ކުޅުނު ރޯލް ކާތިކް ކުޅޭ އިރު، އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލުން ފެނިގެން ދާނީ ބޫމީ އެވެ. އަދި އަނަންޔާއަކީ އޮފީސް ސެކްރެޓަރީީ އެވެ.

މި ފިލްމު ގެނެސް ދެނީ އޮރިޖިނަލް ގެނެސް ދިން ބީއާރް ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެންނެވެ. ބަލްދޭވް ރާޖް ޗޯޕްޅާ (ބީއާރް ޗޯޕްޅާ) ޑައިރެކްޓް ކުރި "ޕަތީ ޕަތުނީ އޯރް ވޯ" އަކީ 1978 ގައި ރިލީޒް ކުރި ވަރަށް ކާމިޔާބު ފިލްމެކެވެ.