ހާލުގައި ޖެހުނު ނޯވޭގެ ކްރޫޒް ލައިނާގެ ޕަސިންޖަރުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފި
ހާލުގައި ޖެހުނު ނޯވޭގެ ކްރޫޒް ލައިނާގެ ޕަސިންޖަރުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފި

އޮސްލޯ (މާޗް 24) - ނޯވޭގެ ހުޅަނގުން އިންޖީނު ހުއްޓި ހާލުގައި ޖެހުނު ކްރޫޒް ލައިނާގައި ތިބި 1،300 މީހުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފި އެވެ.

ހާލުގައި ޖެހުނު ނޯވޭގެ ކްރޫޒް ލައިނާގެ ޕަސިންޖަރުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފި
ހާލުގައި ޖެހުނު ނޯވޭގެ ކްރޫޒް ލައިނާގެ ޕަސިންޖަރުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފި

މޯ އޯގް ރޮމްސްޑާލް ކައުންޓީގެ ފުލުހުން ބުނީ "އެމްވީ ވައިކިން ސްކައި" އިން ހާލުގައި ޖެހުނުކަމުގެ ސިގްނަލް ފޮނުވީ ބޯޓުގެ އިންޖީނު ހުއްޓުމުން ކަމަށެވެ. ނޯވޭގެ ރެސްކިއު އެޖެންސީން ބުނީ އޭރު އެ ސަރަހައްދުގައި ވައި ވަރަށް ބާރު ކަމަށާއި ކަނޑު ވެސް އާދަޔާޚިލާފަށް ގަދަ ކަމަށެވެ. ކްރޫޒް ލައިނާގައި ތިބި 1،300 ޕަސިންޖަރުން ސަލާމަތް ކުރުރުމަށް ފަސް ހެލިކޮޕްޓަރު ފޮނުވި ކަމަށް އެޖެންސީން ބުންޏެވެ.

ކާގޯ ބޯޓެއް ކަމަށްވާ ހެގްލޭންޑް ކެޕްޓަން ވެސް ހާލުގައި ޖެހި އެ ބޯޓުގެ އިންޖީނު ވެސް ވަނީ ހުއްޓިފަ އެވެ. ކާގޯ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް ދެ ހެލިކޮޕްޓަރު ވަނީ ފޮނުވައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދިގު މިނުގައި ގާތްގަނޑަކަށް 750 ފޫޓު ހުންނަ ކްރޫޒް ލައިނާގެ އެއް އިންޖީން ހިންގުމަށް ފަހު މިހާރު ވަނީ ފަރާ ބޭރަށް ޖައްސަން ފަށައިފަ އެވެ.

"އަހަރެން މެންދުރު ކާން ތިއްބާ ބޯޓު ވަރަށް ބޮޑަށް ތަޅުވަން ފެށީ. ކުޑަދޮރުތައް ވެސް ތަޅައިގެން ގޮސް އެތެރެއަށް ލޮނު ވައްދަން ފެށި،" ހެލިކޮޕްޓަރުގައި ސަލާމަތްކުރި ޕަސިންޖަރެއް ކަމަށްވާ ޖޯން ކާރީ ބުންޏެވެ.

ސަލާމަތްކުރި އެހެން މީހެއް ކަމަށްވާ ޖެނެޓް ޖެކޮބް ބުނީ އެވަރުގެ ބިރުވެރިކަމެއް އޭނާ އަށް އަދި މިހާތަނަށް ދިމާނުވާ ކަމަށެވެ.

"އަހަރެން ބިރުން ގޮސް އެންމެން ސަލާމަތްވޭތޯ ދުއާ ކުރަން ފެށީ. ހެލިކޮޕްޓަރުގައި ކުރި ދަތުރު ވެސް އެހާ ބިރުވެރި،" އޭނާ ބުންޏެވެ.

އެމްވީ ވައިކިން ސްކައި އަށް އެހީވުމަށް ފުރަތަމަ ދިޔަ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެއްގެ މީހަކު ބުނީ ބޯޓުގެ އިންޖީން ސްޓާޓް ކުރުން ކުޑަ ވަގުތުކޮޅެއް ލަސްވި ނަމަވެސް ކްރޫޒް ލައިނާ ފަރަށް އަރައި ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ ތެރޭގައި އަށް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އެމްވީ ވައިކިންގައި ގިނައިން ތިބީ އިނގިރޭސި ވިލާތާއި އެމެރިކާގެ ޕަސިންޖަރުންނެވެ.

ނޯވޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ ކަނޑުގަދަވެ 10 މީޓަރަށް ރާޅު ބޮޑުވި ކަމަށެވެ.

އެމްވީ ވައިކިން ސްކައިގެ ދަތުރުތައް ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ.