24 މާޗް 2019 - 10:10

ރާއްޖޭގެ ދެކުނުން، އައްޑުއާ 608 ކިލޯމީޓަރު ދުރަށް މިއަދު ހެނދުނު ދެ ބިންހެލުމެއް އަތުވެއްޖެ އެވެ.
ބިންހެލުންތަކާ ބެހޭ މައުލޫމާތު ހާމަކުރާ ބައެއް ވެބްސައިޓްތަކުން ބުނީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 8:37 ގައި އައީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ. މި ބިންހެލުން އައީ ބިންހެލުން އަންނަ "ކާސްލްބާގް ރިޖް" ހިމެނޭ ސަރަހައްދުން ކަނޑުގެ ބިމުން 10 ކިލޯމީޓަރު އަޑިއަށެވެ.
މި ބިންހެލުމުގެ އެއް މިނެޓް ކުރިން 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް ހަމަ އެތަނަށް އައިސްފައިވެ އެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނީ ބިންހެލުމުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރެއް އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.