މިތުންގެ ހަގު ދަރިފުޅު ނަމާޝީގެ ފުރަތަމަ  ފިލްމު އަޔޫޝްމަން ކުރާނާއާ އެކު
މިތުންގެ ހަގު ދަރިފުޅު ނަމާޝީގެ ފުރަތަމަ ފިލްމު އަޔޫޝްމަން ކުރާނާއާ އެކު

މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ ބޮލީވުޑަށް ތައާރަފު ވާނީ އެކްޓަރު އަޔޫޝްމަން ކުރާނާ އެކު ކުޅޭ ފިލްމަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ދާދި ފަހުން އަޔޫޝްމަން ޝޫޓިން ފެށި، ޑައިރެކްޓަރު އަނޫބަވް ސިންހާގެ އައު ފިލްމު "އާޓިކަލް 15" އަށް ނަމާޝީ ވަނީ ސޮއިކޮށްފަ އެވެ. މި ފިލްމުގައި އަޔޫޝްމަން ފުލުހެއްގެ ރޯލް ކުޅޭ އިރު، ނަމާޝީ ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެކަމަކު ހަންގާމާ އިން ބުނި ގޮތުގައި ފިލްމުން އޭނާ އަށް ދީފައި ވަނީ ބޮޑު ރޯލެކެވެ. އަދި "އާޓިކަލް 15" ގައި ނަމާޝީ ކުޅޭ ކެރެކްޓާވެގެން ދާނީ ވާހަކައިގެ ވަރަށް މުހިއްމު ހިއްސާއަކަށެވެ. އޭނާ އެކްޓިން ކެރިއަރު ފަށާ އިރު، ނަމާޝީ ވަނީ ބޭބެ މަހާކްޝޭ ޗަކްރަބަތީ 2015 ގައި ކުޅުނު "އިޝްގްދަރިޔާ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ނަމާޝީ ދާދި ފަހުން ގޯވިންދާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރަމުން ބުނީ އޭނާ އެކްޓަރަކަށް ވާން އެންމެ ބޮޑަށް އިންސްޕަޔާވީ ބައްޕަ އާއި ގޯވިންދާގެ މަސައްކަތްތައް ފެނިފައި ކަމަށެވެ.

މިތުންގެ ހަގު ފިރިހެން ދަރި ބޮލީވުޑްގެ ދަތުރު ފަށައި ގަންނަ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ދޮށީ ފިރިހެން ދަރިފުޅު މަހާކްޝޭ 2008 ގައި ފިލްމު ކުޅެން ފެށި ނަމަވެސް، އޭނާއަކީ ބެލުންތެރިން ބަލައިގަތް އެކްޓަރެއް ނޫން ކަމެވެ. އެހެންވެ ނަމާޝީގެ ކެރިއަރު ކިހާ ހިސާބަކަށް ދާނެތޯ ބަލަން ހަމަ ގައިމު ވެސް މިތުންގެ ފޭނުން ބޭނުން ވާނެ އެވެ.

އެތަކެއް ފިލްމެއް ކުޅެފައިވާ މިތުންއަކީ ހިންދީ ސިނަމާ އިން ފެނުނު އެންމެ ކާމިޔާބު އެއް އެކްޓަރު އަދި އެންމެ ހުނަރުވެރި ނެށުންތެރިންގެ ތެރެއިންގެ ތެރެއިން ވެސް އެކެކެވެ.

މިދިޔަ އަހަރު "މުލްކް" ގެނެސް ދިން އަނޫބަވްގެ "އާޓިކަލް 15" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމުގައި ކިޔައި ދެނީ އިންޑިއާގެ ގާނޫނު އަސާސީން ހުރިހާ ރައްޔިތުންނަށް ލިބިދޭ ހަމަހަމަކަމުގެ ވާހަކަ އެވެ.