ފިލްމުފެއާ އެވޯޑްސް 2019: މޮޅު ފިލްމަކީ "ރާޒީ"
ފިލްމުފެއާ އެވޯޑްސް 2019: މޮޅު ފިލްމަކީ "ރާޒީ"

ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ފިލްމުފެއާގެ މި އަހަރުގެ އެންމެ މޮޅު ފިލްމުގެ މަގާމު މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި އަދި ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް އޮހުނު ފިލްމު "ރާޒީ" އަށް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 64 ވަނަ ފިލްމުފެއާ އެވޯޑް ހަފުލާފައި އެ ފިލްމަށް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ.

އޭގެ ތެރޭގައި ޑައިރެކްޓަރު މެގްނާ ގުލްޒާރަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ޒުވާން ބަތަލާ އާލިއާ ބަޓަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑާއި އަރިޖިތު ސިންގް "ރާޒީ" ގެ "އޭ ވަތަން" ކިޔައިގެން ލިބުނު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑާއި ފިލްމުގެ ޑައިރެކްޓަރު މެގްނާގެ ބައްޕަ ގުލްޒާރަށް "އޭ ވަތަން" ލަވަ ހަދައިގެން ލިބުނު އެންމެ މޮޅު ޅެމުގެ އެވޯޑް ފާހަގަކޮށްލެވެ އެވެ.

ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ގޮތާ ހިލާފަށް ޖުމްލަ 17 ކެޓަގަރީއަކުން ނޮމިނޭޓްވި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމު "ޕަދުމާވަތު" އަށް ކާމިޔާބު ކުރެވުނީ ހަތަރު އެވޯޑެވެ.

ކުރިން ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ފިލްމުފެއާގެ މޮޅު ބަތަލާއަކަށް ވާނީ ޒީ ސިނެ އެވޯޑްސްގައި ވެސް އެންމެ މޮޅު ބަތަލާގެ މަގާމު "ޕަދުމާވަތު"އިން ހޯދި ޕީޕިކާ ކަމަށެވެ. އަދި މޮޅު ޑައިރެކްޓަރަކަށް ވާނީ ޒީ ސިނެ އެވޯޑް ހޯދި ބަންސާލީ އެވެ.

އެކަމަކު އެ ފިލްމު ފަހަތަށް ޖައްސާލައި، "ރާޒީ" ވަނީ ފިލްމުފެއާގެ އެންމެ ވަރުގަދަ އެވޯޑްތައް އުފުލާލައިފަ އެވެ.

* އެންމެ މޮޅު އެކްޓަރު (ޕޮޕިއުލާ): ރަންބީރު ކަޕޫރް (ސަންޖޫ)

* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ގަރްޖާރް ރާއޯ (ބަދާއީ ހޯ) އަދި ވިކީ ކޯޝަލް (ސަންޖޫ)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ސުރޭހާ ސިކްރީ (ބަދާއީ ހޯ)

* ކްރިޓިކުންގެ މޮޅު އެކްޓަރު: ރަންވީރު ސިންގް (ޕަދުމާވަތު)

* ކްރިޓިކުންގެ މޮޅު ބަތަލާ: ނީނާ ގުޕްތާ (ބަދާއީ ހޯ)

* ކްރިޓިކުންގެ މޮޅު ފިލްމު: އަންދާދުން

* އެންމެ މޮޅު އާ އެކްޓަރު: އިޝާން ޚައްތަރު (ބިޔޯންޑް ދަ ކްލައުޑްސް)

* އެންމެ މޮޅު އާ ބަތަލާ: ސާރާ އަލީ ހާން (ކޭދަރުނާތު)

* އެންމެ މޮޅު އާ ޑައިރެކްޓަރު: އަމަރު ކޯޝިކް (އިސްތިރީ)

* އެންމެ މޮޅު ވާހަކަ މުލްކް (އަނޫވަބް ސިންހާ)

* އެންމެ މޮޅު ޑައިލޮގް: ބަދާއީ ހޯ (އަކްޝަތު ގިލްދާލް)

* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝްރެޔާ ގޯޝަލް (ގޫމަރު-ޕަދުމާވަތު)

* އެންމެ މޮޅު މިއުޒިކް އަލްބަމް: ޕަދުމާވަތު

* އެންމެ މޮޅު ބެކް ސްކޯ: އަންދާދުން (ޑެނިއެލް ޖޯޖް)

* އެންމެ މޮޅު ސިނަމޮޓޯގްރަފީ: ތުމްބަޅް

* އެންމެ މޮޅު އެޑިޓިން: އަންދާދުން

* އެންމެ މޮޅު ސައުންޑް ޑިޒައިން: ތުމްބަޅް

* އެންމެ މޮޅު ނެށުން: ގޫމަރު (ޕަދުމާވަތު)

* އެންމެ މޮޅު ވީއެފްއެކްސް: ޒީރޯ (ރެޑް ޗިލީޒް އެންޓަޓައިންމަންޓް)

މުމްބާއީގެ ޖިއޯ ގާޑަންގައި ބޭއްވި ކުލަގަދަ އަދި ފޯރި ގަދަ 64 ވަނަ ފިލްމުފެއާ އެވޯޑް ހޯސްޓް ކުރީ މި އެވޯޑް ހަފުލާ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ހޯސްޓްކޮށްފައިވާ އަދި މި ފަހަރު އެންމެ މޮޅު އެކްޓަރުގެ މަގާމަށް "ޒީރޯ" އިން ނޮމިނޭޓްވި ޝާހްރުލް ހާނެވެ. އޭނާއާ އެކު ކޯ-ހޯސްޓުންތަކެއް ފެނިގެން ދިޔަ އިރު، ގިނަ ތަރިންތަކެއް ފޯރި ގަދަ ސްޓޭޖް ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ އެވެ.

ސޮނީ ޓީވީގެ އަހުލުވެރިންނަށް މާ ލަސްތަކެއް ނުވެ އެވޯޑް ހަފުލާގެ ރިކޯޑިން ގެނެސް ދޭނެ އެވެ.