ބާމިންހަމްގެ މިސްކިތްތަކަށް ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި
ބާމިންހަމްގެ މިސްކިތްތަކަށް ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި

ބާމިންހަމް ސިޓީ (މާޗް 23) - އިނގިރޭސި ވިލާތުގެ ބާމިންހަމްގެ ފަސް މިސްކިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީގެ ފަސް މިސްކިތަކަށް ގެއްލުންދީފައި ވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ. މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިތައް ކޯރާޑިއަކުން ޖަހާ ތަޅާލާ މަންޒަރު ބައެއް މީހުންނަށް ފެނިފައިވެ އެވެ.

މިސްކިތަށް ހަމަލާ ދިން މީހުންގެ ތެރޭން 34 އަހަރުގެ މީހަކު ފުލުހުންނާ ހަވާލުވެފައި ވަނީ އަމިއްލައަށެވެ. އަދި 38 އަހަރުގެ މީހަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ އާއްމުންގެ ބައެކެވެ.

"މިސްކިތަށް ހަމަލާ ދިނީ ކޮން ބޭނުމެއްގައިކަން ތަހުގީގު ކުރަމުން މިދަނީ،" ވެސްޓް މިޑްލޭންޑްސް ޕޮލިސްގެ އެސިސްޓެންޓް ޗީފް ކޮންސްޓެބަލް މެޑް ވާޑް ވިދާޅުވި އެވެ. "މިސްކިތްތައް ކައިރީގައި ފުލުހުން މީގެ ފަހުން ހަރަކާތްތެރިވާނެ."

ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ ހަފުތާގައި ދިން ހަމަލާއާ ގުޅިގެން އިނގިރޭސި ވިލާތުގެ މިސްކިތްތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާނެ ކަމަށް ނޭޝަނަލް ޕޮލިސްގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ބާމިންހަމް ސިޓީގެ 22 ޕަސެންޓަކީ މުސްލިމުންނެވެ.