23 މާޗް 2019 - 19:14

ދުބާއީ (މާޗް 23) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ބެހެއްޓެވި އޯގާތެރި ކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ބޮޑު ވަޒީރު ޖަސިންޑާ އާޑާންގެ ފޮޓޯއަކުން ބުރްޖް ޚަލީފާ ދިއްލާލައިފި އެވެ.
ދުބާއީގެ ޕަބްލިކް ޑިޕްލޮމެސީ އޮފީހުން އާއްމުކުރި ފޮޓޯގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ދިއްލާލާފައި ވަނީ ބުރުގާ އަޅުއްވައިގެން ހުންނެވި އާޑާން މުސްލިމެއްގެ ގައިގައި ބައްދާލައްވާ މަންޒަރަކުންނެވެ. އެކަމަނާގެ ފޮޓޯގެ މަތީގައި ވަނީ "ސަލާމް" އެވެ.
ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވެސް ވަނީ އާޑާން އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންގެ ލޯތްބާއި އިހްތިރާމް އެކަމަނާ ހޯއްދަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އާޑާން ގެންދަވަނީ މުސްލިމުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.