23 މާޗް 2019 - 20:36

ބަތަލާ ދީޕިކާ ޕަދްކޯން އަށް ދުނިޔެއިން އެންމެ ރީތި ތަނަކީ ރާއްޖެ ކަމަށް އޭނާ ބުނެފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށް، ދެ ތަރިންގެ ސިއްރު ހަނީމޫން ހޭދަކުރީ ވެސް ރާއްޖޭގަ އެވެ.
ހަނީމޫންގެ ފޮޓޯތައް އަދިވެސް އުޅެނީ ސިއްރުކޮށްގެންނެވެ. އެކަމަކު އެނގޭ ކަމަކީ ހަނީމޫން ހޭދަކުރީ ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލަންކް ރަންދެލި ރިސޯޓްގައި ކަމެވެ.
ރައްޓެހިވެގެން އުޅުނު އިރު ވެސް އެކި ފަހަރު މަތިން މި ދެ މީހުން ރާއްޖެ އައިސްފައިވެ އެވެ.
ވޯގް މަޖައްލާ އިން ދީޕިކާ އަށް ކުރި 73 ސުވާލުގެ ތެރެއިން އެއް ސުވާލަކީ މިހާތަނަށް ދެވުނު އެންމެ ރީތި ތަނަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ވަރަށް ކުރުކޮށް އޭނާ ބުނީ އެއީ ދިވެހިރާއްޖެ ކަމަށެވެ.
ވޯގް މަޖަައްލާގެ މި މަހުގެ އަދަދު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ މަޝްހޫރު ސެލެބްރިޓީންނަށް ހާއްސަކޮށްފަ އެވެ. އެގޮތުން މަޖައްލާގެ ކަވަރަށް ވެސް ދީޕިކާ އަރާފައިވެ އެވެ. ދެ ކަވަރެއް ނެރެފައިވާ އިރު ދީޕިކާ ފެންނަ ކަވަރުގައި އޭނާއާ އެކު ހިމެނެނީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހަންސަން އާއި ޑޫނާ ބައޭ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހޮލީވުޑް ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ވެސް ކުޅުނު ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުވާވަތު" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" އެވެ.