24 މާޗް 2019 - 07:28

މަޝްހޫރު މީސްމީހުންނާ ވައްތަރުވެގެން، ނޭނގި ތިއްބައި ބައެއް މީހުން ބޮޑެތި ސެލެބްރިޓީންނަށްވުމަކީ ސޯޝަލް މީޑިއާގެ މި ޒަމާނުގައި އާ ކަމެއް ވެސް ނޫނެވެ.

މި ފަހަރު މިއޮތީ އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ޓީރިއަން ލެނިސްޓާގެ ކެރެކްޓާ ކުޅޭ އެކްޓަރު ޕީޓާ ޑިންކްލޭޖް، 49، އާ ވައްތަރު މީހެއްގެ ވާހަކަ އެވެ. "އޭނާ" މި ފަހަރު ފެނުނީ ޕާކިސްތާނުންނެވެ.

އެކަމަކު ޕާކިސްތާނުން ފެނުނު މި ޓައިރީންގެ ކުރިން އިންޑިއާގެ ކަޝްމީރުން ވެސް ހަމަ "މީނާ" ފެނިފައިވެ އެވެ. މިދިޔަ އަހަރު ފެނުނު ޕީޓާއާ ވައްތަރު މީހާގެ ނަމަކީ ތާރިގް މީރް އެވެ. އުމުރަކީ 30 އަހަރެވެ.
ޕާކިސްތާނުގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޕީޓާއާ ވައްތަރު މީހާއަކީ 25 އަހަރުގެ މީހެކެވެ. ރާވަލްޕިންޑީގެ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މި މީހާގެ ނަމަކީ ރޯޒާ ހާނެވެ. އިސްކޮޅާއި ހުރި ސިފަ އަށް ބަލާއިރު އޭނާ އާއި ޕީޓާ ވަކިކުރަން އުނދަގޫހާ ވައްތަރެވެ.
ޕީޓާ ގޮތަށް ރޯޒާއަކީ ވެސް އިސްކޮޅުން ކުރު މީހެކެވެ. އޭނާގެ އިސްކޮޅަކީ ހަތަރު ފޫޓް ފަސް އިންޗި އެވެ.
މި ދެ މީހުން އަޅާ ކިޔައި، މީޑިއާގައި މިހާރު ވަރަށް ގަދައަށް ރޯޒާގެ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނާ ހުރީ ކުއްލިއަކަށް ލިބުނު ސަމާލުކަމާ ހެދި އުފާވެފަ އެވެ.
"މިހާރު އަހަރެންގެ ފޮޓޯ ވަރަށް ގިނަ ބަޔަކު ނަގާ. އަދި ވަރަށް ގިނަ މީހުން ސެލްފީ ވެސް ނަގާ. އެހެންވެ ވަރަށް އުފަލުން މި ހުންނަނީ،" އޭނާ ބުންޏެވެ.
ރޯޒާ ބުނި ގޮތުގައި މިހާރު އެންމެ ބޮޑު އެއް ހުވަފެނަކީ ކޮންމެ ވެސް ދުވަހަކުން ޕީޓާއާ ބައްދަލުވުމެވެ. އަދި އޭނާ ދެކެނީ ޕީޓާއަކީ އޭނާއާ އެއްމާބަނޑު މީހެއްގެ ގޮތުގަ އެވެ.
"އަހަރެން މިހާރު ވަރަށް ލޯބި ވެސް ވޭ އޭނަ ދެކެ،" ރޯޒާ ބުންޏެވެ.
އޭނާ މަސައްކަތް ކުރާ ރެސްޓޯރަންޓްގެ ވެރިޔާ މާލިކް އަސްލަމް ޕަރްވޭޒް ބުނި ގޮތުގައި ރޯޒާގެ ސަބަބުން އޭނާގެ ރެސްޓޯރަންޓްގެ ވިޔަފާރި ވެސް ވަރަށް ރަނގަޅެވެ. ސަބަބަކީ އޭނާ ދެކިލައި، ފޮޓޯ ވެސް ނަގަން ގިނަ ބަޔަކު ދާތީ އެވެ.
"އޭނަ ޑިއުޓީގައި ހުރި ގަޑިއެއްވިއްޔާ މި ތަނުގެ ވިޔަފާރި ރަނގަޅު. އަބަދު ވެސް ފުރި އޮންނާނީ. ކަމެއް ދިމާވެގެން ރޯޒީއަށް ނާދެވޭ ދުވަހެއްވިއްޔާ މިތަނަށް ފާހަގަ ކުރެވޭ ވަރަށް ފަޅުކަން ވެރިވާނެ،" އަސްލަމް ބުންޏެވެ. "އަނެއްކާ ބައެއް މީހުން ރޯޒީ ނެތިއްޔާ ވަރަށް ރުޅި ވެސް ގަދަވާނެ."
އޭނާ ބުނި ގޮތުގައި ރޯޒާއަކީ އިސްކޮޅުން ކުރު މީހަކަސް މަސައްކަތަށް ވަރަށް ބަރާބަރު މުވައްޒަފެކެވެ. އަދި އޭނާ ވަރަށް ލޯބިވާ މުވައްޒަފެއް ކަމަށް ބުންޏެވެ.
"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަންނަ މަހުގެ 14 ގައި ދައްކަން ފަށާ އިރު، ރޯޒާއަކީ ޔަގީނުން ވެސް މި ސިލްސިލާ ޕްރޮމޯޓްވުމުގައި ވެސް ހިއްސާއަކަށް ވެދާނެ އެވެ.